English Edition
Dhivehi Edition

” ޝާން ވިދާޅުވި ކަންތަކާ ބައްޕައަށް މެސެޖެއް ފޮނުވައިފިން. ބައްޕައަކާ ފޯނަކުން ނުގުޅޭނެ. އަޅުގަނޑުބުނިން ސީދާ ޝާންއަށް ޖަވާބު ފޮނުވާށޭ. މި ގޮތް ރަނގަޅު ނޫންތޯ؟”

” މުޅިން ރަނގަޅު. ސަޒިން އަށް ޓިއުޝަން ދޭން ކަލޭގެ ބައްޕަ ގަބޫލުވުމަކީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް.”

” މި ދުވަސްކޮޅު ބައްޕަ އުޅުއްވަނީ ކުޑަކޮށް ބަލިވެ. ބައްޕަ ގަބޫލު ނުވިއްޔާ ނުވާނީ އެ ސަބަބާހެދި.”

” ތިޔަހެންވިއްޔާ އަމުދުން ބޭސްކޮށްލާށާ އެއްކޮށް ބައްޕަ މި ކޮޅަށް ގެނެވޭތޯ ބަލަންވީ ނޫން ؟ ވަޔާ، މާހައުލާ، ޖައްވު ބަދަލުވުމަކީވެސް ސިއްހަތު ރަނގަޅުވާ ކަމެއް. ކަލޭގެ ބައްޕަ ބޭނުމިއްޔާ ހޯރަފުށީގަ ވެސް ބެހެއްޓިދާނެ. އެރަށުގަ ހުންނާނެ މުޅިން ހުސްކޮށް ހުރި އަހަރެންގެ ގެއެއް. މިގޮތް ކަމުދާނެހެން ހީވޭތަ؟”

” ބައްޕަ މިހާރު ކުރައްވަނީ ކީއްކަމެއްވެސް އަޅުގަނޑަކަށް ނޭގެ .” އާދިލާ އެންމެ ހައިރާންވީ ރަށުގައި އުޅެއުޅެ ރަށަށް މޫލާފައި ހުރި އެވަރުގެ މުސްކުޅިއަކު ރަށް ދޫކޮށް އެހެން ރަށެއްގައި އުޅެން އަތުވެދާނެއޭ ޝާން ހީފުޅު ވީމައެވެ.

” ކަލޭ އެ ޚިޔާލަށް މާ ގަޔާވިހެނެއް ހިއެއް ނުވޭ. ކަލޭ ތި ކަންބޮޑުވަނީ އެހާ ދުރުދަތުރެއް ކަލޭގެ ބައްޕަ ކުރައްވާއިރު އުފުލަން ޖެހިދާނެ ބުރައެއް ހިތަށް އަރާފަ ދޯ؟ އަހަރެމެންގެ ހޯވަރ ކުރާފްޓަށް އެއްގަޑި އިރުން ނުދެވޭނެ ރަށެއް ރާއްޖެއަކު ނޯންނާނެ. އޭގަ ދަތުރުކުރާއިރު ލޮޅުމެއް ވެސްނާރާނެ. ނޫނީ ކަލޭގެ ބައްޕަ ބޭނުމިއްޔާ ފްލައިޓްގައިވެސް އާދެވިދާނެ ؟”

އާދިލާ މިކަމާ އެއްބަސްވާން ބޭނުންވިޔަސް ޝާންއާއި އޭނާގެ ވާން އުޅޭ އަންހެނުންނާއެކު ޝާން ފެންނަފަށުގައި އޭނައާއި އޭނާގެ ބައްޕަ އުޅެން ޖެހުމަކީ އޭނާގެ ހިތަށް ކެތް ކުރެވޭނެ ކަމެއް ނޫނެވެ.

“ބައްޕަ ދޭ ޖަވާބެއް އެނގުނީމަ ނޫނީ ތިޔަކަމާ އެއްޗެއް ދަންނަވާކަށް ނޭނގެ .” އާދިލާ ދެންނެވިއެވެ.

” އެންމެ ރަނގަޅު.” މިހެން ޝާން ވިދާޅުވިއިރު އޭނާގެ މޫނުފުޅުން ނުރުހުމުގެ ކުލަވަރެއް ފެނިގެން ދިޔައެވެ. ޝާން އެވާހަކަފުޅު ހުއްޓަވާ ލައްވާފައި ކެޕްޓަން އާ ދިމާއަށް އެނބުރިވަޑައިގަތެވެ.

ޕާރޓީ އެންމެ ފޯރި ގަދަވެގެން ދިޔަ ވަގުތު އަލީ އަފީފް އައިސް އާދިލާގެ ގާތަށް ހުއްޓުނެވެ. ނޫސްވެރިންނާ މެދު އާދިލާގެ ހިތުގައިވާ އުފެދިފައިވާ ނުރުހުން ފޮރުވުމަށް އޭނާއަށް ކުޑަފުރުސަތެއް އާދިލާ ދިނެވެ. މިރޭގެ ފަހުން އޭނާގެ އުނދަގޫތައް ނިމިދާނެ ކަމަށް އާދިލާ ހީކުރިއެވެ.

” މިއީ ވަރަށް އުފާވެރި ދަތުރެއް ދޯ .” އޭނާ ބުންޏެވެ. ” މި ދަތުރު ވަކިން އުފާވެރިވީ ޝާންއާ ކަލެއާ ދެމީހުންގެ ލޯބީގެ މާތައް ފޮޅެމުން ފަރިވަމުން ދާތަން ހަމަލޮލަށް ފެނުމުގެ ފުރުސަތު ލިބުނީމަ. ކަލޭމެން ދެމީހުނާ ބެހޭ ރިޕޯރޓެއް ލިޔަން މިހާރު ފަށައިފިން. އެ ރިޕޯރޓް ކަލެއަށް ވެސް ވަރަށް ކަމުދާނެ ހީވޭ.”

” މަށަކީ މާ ނޫސް ކިޔާހިތްވާ މީހެއް ނޫން. މަށަކީ އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހެއް. ތި ކަހަލަކަންތަކަށް އަހަރެންގެ ޝައުގެއް ނެތް. ” އާދިލާ އޭނާ އަށް ދުރަށް ޖެހިލާފައި ބުންޏެވެ.

“ލަރީސާ މާލެ އަންނަކަން ކަލެއަށް އެނގިފައި އެބައޮތް ދޯ؟ އޭނަ މިހާރު ނާންނަ ކަމެއްވެސް ނޭނގެ . އެއީ ވަރަށް ޒީލަގަދަ ހަރުކަށި އަންހެނެއް. އެއްފަހަރަކު ދިޔަ ޕާރޓީއަކަށް ދިޔަ އަންހެނެއްގެ ހެދުން ވެސް އިރާލި. މައްސަލައަކީ އޭނާ ލައިފަ ހުރި ހެދުން އޭނާގެ ހެދުމާ ވައްތަރީ. އެވަރުގެ އަންހެނަކު ހިތާވެގެން އުޅޭ މީހަކާ ވައިއެޅިއްޖެ އަންހެނަކު ރޮލާ ކާކަށްވެސް ފަހަކަށް ނުދާނެ. މިވެސް އެ ރިޕޯޓްގައި ހިމަނަން ރަނގަޅުވާހަކައެއް. އޭގަ ޖަހާލާނެ ރީތި ފޮޓޯއެއްވެސް މިހާރު ލިބިއްޖ

“ކަލޭ އަހަރެންގެ ފޮޓޯއެއް ނެގީ ކޮން އިރަކު؟” އާދިލާއަކަށް ނުވިސްނުނެވެ.

” އެކަހަލަ ކިތަންމެ ފުރުސަތެއް ލިބުނު. ދުވާރަށުގެ އެއްކަލަ ހަނދުވަރީ ރޭގެ މަތިން ހަނދާން ނެތުނީތަ؟ އިސްދޫގަ އަނގޮޓި އަޅުވާދިން ދަނޑިވަޅެއްވެސް އައެއްނު؟ ޝާން ކޮންމެ ކަމެއްވެސް ނިންމަވާނީ އޭނަގެ މަންމަގެ ރުހުން ހޯއްދަވައިގެން. ކާވެނި ޕާރޓީއަށް ދައުވަތު ލިބޭނެ ކަމަށް ހީކުރަން.”

“ކަލެއަކީ ވާ މޮޅު ނޫސްވެރިއެއްތާ” އާދިލާ ހިތާ ހިތާ ބުނެލިއެވެ. ކަންކަމުގެ ހަގީގަތް ނޭނގޭ މީހުނަށް ކުރެވޭނީ ކޮން ނޫސްވެރިކަމެއް ހެއްޔެވެ؟

“ކަލޭ ލިޔާ އެއްޗެއް ހަގީގަތާ އެއްގޮތަށް ލިޔެވޭތޯ ބަލަންވީއެއްނު؟ އެހެންނޫނީ ބޮޑު ލަދެއްގަ ބެދިދާނެ .”

” މަށަށް ޔަގީން. މަށަކީ މިބާވަތުގެ ކަންކަމުގެ ތަޖްރިބާ ލިބިގެން ބޮލުގަ ނުރަޖަހާ މީހެއް. ކަލޭ އަހަރެންގެ ރިޕޯރޓް ކިޔައްޗޭ. ކަންތައް އެންމެ ފަހުން ނިމޭނީ އަހަރެން ލިޔާގޮތަށް. ޝާން އެހުންނެވީ ކަލޭގެ އިންތިޒާރުގަ . އުފާވެރި ރެއަކަށް އެދެން.” އޭނާ ވަރަށް ގަޔާވެފައި ހީނލާފައި ބުންޏެވެ.

ޝާން އާދިލާ ގޮވައިގެން ބުފޭއަށް ވަޑައިގަތެވެ. ތަފާތު ބާވަތް ބާވަތުގެ ކެއުން ހުއްޓެވެ. އެމީހަކު ބޭނުން އެއްޗެއް ނަގައިގެން ހުސް މޭޒަކަށް ހިނގައްޖެއެވެ. ޝާން ގެންނެވީ ސްޕެގެޓީ އެވެ. އެވަގުތު ވޭޓަރަކު އަލްކަހޯލް ފްރީ ޝްވެޕްސް ޝެމްޕޭން ގެނައްސިއެވެ.

” މިތާ ތިބޭ އިރު ކަލޭ އަހަރެންނާ ގަޔާވާގޮތް ދެއްކައިގެން އިނިއްޔާ ރަނގަޅު. މާދަމާ މި ކުޅިގަނޑު ނިމިދާނެ. އެކަމަކު ކަލޭ އަހަރެން ހީކުރިވަރަކަށް މިކަމުގަ ބައިވެރިވާ ހެނެއް ހިއެއް ނުވޭ. ކަލޭ އުފުލަން ޖެހުނު ބުރަޔަށް ކޮންމެވެސް ގޮތަކުން ބަދަލު ދެވޭތޯ ބަލާނަން.”

” އަލީ އަފީފް ބުނީ މާދަމާގެ ނޫހުގަ އަހެރެމެންގެ ވާހަކަތަކެއް ލިޔާނަމޭ.” އާދިލާ ދެރަވެލާފައި ބުންޏެވެ.

“އަނެއްދުވަހު ނެރޭ ނޫހުގަ އޭނާގެ ކުށަށް މާފުއެދި ބަޔާނެއް ނެރޭނެ .” ޝާން ވިދާޅުވިއެވެ. ” އޭރުން އެކަން އެ ނިމުނީ އެއްނު؟”

” އޭނަ ބުނީ ލަރީސާ މާދަމާ މާލެ އަންނާނެޔޭ.” އާދިލާ ބުނެލިއެވެ.

” މަވެސް ތިޔަ ނޫހެއް ދުށިން. ތިއީވެސް ވެދާނެ ގޮތެއް. ” ޝާން ވިސްނާލައްވާފައި ވިދާޅުވިއެވެ.

” އެކަން ޔަގީންވެ ނުލައްވާތޯ؟ މާދަމާ އެނޫސް ކިޔާފަ ލަރީސާ ރުޅިއެއް ނާންނާނެތޯ؟ އެހެންވެދާނެތީ ކަންބޮޑުވެ ވަޑައެއް ނުގަންނަވަމުތޯ ؟”

” ކަލެއަށް ހީވަނީ ކިހިނެއް؟”

” އަޅުގަނޑަށް ހީވަނީ ތި ބޭފުޅާ އެކަމާ ފަރުވާލެއް ނުބަހަށްޓަވާ ހެން . އެކަމަކު އެކަމާ ވިސްނާ ވަޑައިގަންނަވަން ވާނެ ނޫންތޯ . އަލީ އަފީފްގެ ނުރައްކަލުން އޭނާ ސަލާމަތް ކުރަން މިއޮތްހާ މަސައްކަތްޕުޅެއް ތި ކުރެއްވީ އެހެންވީމަ ނޫންތޯ ؟

” ތިއީ ވަރަށް ދުރުދުރުން ކޮށްލި އެހެން ސުވާލެއް ނޫންތަ؟ ކަލޭ ތި އެހީ އަހަރެންނަ ލަރީސާ ކާވެނި ކުރަން ހަމަޖެހިފައި ވޭހޭ ނޫންތަ؟ އޭގެ ޖަވާބަކީ އެ ވެސް ވެދާނެ ގޮތެކޭ. އެކަމަކު އެކަމާމެދު ވިސްނަން ލަރީސާއަށް ދުވަސްކޮޅެއް ބޭނުންވާނެ. ކާވެނީގެ ފަހުން އޭނާ އެއުޅޭ ކަހަލަ ދިރިއުޅުމެއް ނޫޅެވޭނެ. އެއްވެސް ހަމަޖެހޭ ސިކުޑިއެއް ހުރި ފިރިހެނަކު އޭނާގެ އަންހެނުން ދުނިޔެއަށް ގިނަވެގެން އުޅޭކަށް ގަބޫލެއް ނުވާނެއެވެ. ހަމަ ގައިމުވެސް އަހަރެން ގަބޫލެއް ނޫން.”

އާދިލާއަށް މި އެނގުނީ އަދި ކިރިޔާއެވެ. ޝާން އަށް ކަމުދަނީ ގޭގައި ބަނދެވިފައި ތިބޭ އަންހެނުންނެވެ. މަސައްކަތްތެރި އަންހެނުން ޝާން އަކަށް ކަމަކު ނުދެއެވެ. ލަރީސާ ނޫސްވެރިންގެ ކިބައިން ސަލާމަތް ކޮށްފައި އެ ބަހަށްޓަނީ އޭނައަށް ވިސްނަން ފުރުސަތު ދިނުމަށެވެ.

” ކަލޭގެ ސުވާލުތައް ހުސްވީ ތަ؟” ޝާން އެއްސެވިއެވެ. ” އަހަރެން މިވާހަކަ ކަލެއަށް މި ކިޔާދިނީ ލަރީސާއަށް އެފުރުސަތު ދެވެން އޮތީ ކަލޭގެ އެހީއާ ލައިގެން ކަމަށްވާތީ. މިއަށްވުރެ އިތުރަށް މިވާހަކަ ނުދެއްކިޔަސް ފުދޭނެ ކަމަށް ހީކުރަން.”

” އާދެ!. ތި ވަރުން ފުދިއްޖެ .”

” ރަނގަޅު . ދެން ކުޑަކޮށް ނަށާލާ މަޖާކޮށްލަން އަންނަންވީ ނޫންތަ؟”

” މަޖާ ވާ މިއޮތް ކުރެވެނީ .” އާދިލާ ހިނިތުންވާން މަސައްކަތް ކުރިއެވެ. ނަށަމުން ދިޔައިރު ޝާން ހުންނެވީ އޭނާ އާ ވަރަށް ގައިގޯޅިކޮށްނެވެ. ގާތްގަނޑަކަށް ފިތި ބާރުވެފައެވެ. ޝާންގެ ކޯތާފަތުގެ ހޫނުކަން އިހްސާސްވާން ފެށުމުން އާދިލާ ލޯ މަރާލިއެވެ. އޭނާގެ ހިތް އެދުނީ އެ ވަގުތުކޮޅު އަބަދަށްޓަކައި އެގޮތަށް ހުއްޓިފައި ވުމަށެވެ.

ރޭގެ ދިގު ކަމާއި ޕާރޓީގެ ހަލަބޮލިކަމުގެ ތެރޭގައި ގިނަ ވަގުތުތަކެއް ހޭދަވެފައިވާތީ ނިދާލަން ލިބުނީ ކުޑަ ވަގުތުކޮޅެކެވެ. އެހެންނަމަވެސް އާދިލާ ވަރަށް އަވަހަށް ހޭލައިފިއެވެ. އަދި ހެނދުނުގެ ނާސްތާއަށް ފަހު އޮފީހަށް ދިޔައެވެ. އޭނާ އަށް ރަނގަޅަށް މަސައްކަތް ފަށައި ނުގަނެވެނީސް އޭނާގެ ވެރިމީހާ ވަޑައިގެންފިއެވެ. އެވަގުތު އޭނާގެ މޫނުފުޅު މަތިން ފެންނަން ހުރި ނުތަނަވަސް ކަން ފެނުމުން، ކޮންމެވެސް ބޮޑުކަމެއްވީކަން އާދިލާއަށް ވިސްނުނެވެ. އޭރު އޭނާގެ އަތްޕުޅުގައި ނޫހެއް އޮތެވެ. އޭގައި އަލީ އަފީފްގެ ލިއުމެއް ވާނެ ކަން އާދިލާއަށް އެނގެއެވެ.

” މިއޮތީ މިއަދުގެ ނޫސް. މީގަ މިއޮތީ އަހަރެން ހީކުރި ގޮތަށް. އަލީއަފީފަށް އެނގުނުހާ އެއްޗެއް މި އޮތީ ލިޔެފަ. މި ކިޔާފަ ލަރީސާ ހަމަ ރަނގަޅަށް ރުޅިގަދަވާނެ. އަދި ކުރީގެ ފިރިމީހާ ހަދާނެ ގޮތެއްވެސް ނޭނގެ. މަށަށް ހީވަނީ މި ނޫސް ކިޔާފަ ލަރީސާ ހުރިހާ ރޯޅިއެއް ބާލާނީ ކަލެއަށް ހެން.”

” ކީކޭތޯ އޮތީ؟” އާދިލާ އެނޫސް އަތުލަން ދިއްކުރި އަތް ތުރުތުރު ލައެވެ.

އެ ޚަބަރު އޮތީ ބޭރުގަނޑުގައެވެ. ” ރަށްފުށުގެ އަންހެން ކުއްޖަކާ މިލިއަނަރެއް ” ” ޚިޔާލީ ވާހަކައެއް ފަދަ ހަގީގީ ލޯބީގެ ހާދިސާ އެއް”

އެ ސަފުހާގައި ވަނީ ޝާން އާ އޭނާ އިސްދޫގައި ބާޒާރު ކުރަން އުޅެނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. ޝާން ހުންނެވީ އޭނަގެ އަތުގައި ހިފަހަށްޓަވައިގެންނެވެ. އެ ޚަބަރުގައި އޭނާގެ މުޅި ދިރިއުޅުން ވަރަށް ތަފްސީލުކޮށް ހާމަ ކޮށްފައިވެއެވެ. އާދިލާ އޭނާއާ ބެހޭގޮތުން ހުރި ލިއުންތައް ކިޔަމުން ދިޔައިރު އޭނާއަށް ހުރެވުނީ ނޭވާ ހިފަހަށްޓައިގެންނެވެ. އޭގައި އޭނާގެ ކުޑައިރުގެ ހަޔާތާއި ބައްޕައަކީ ކާކުކަމާއި ކުރާ މަސައްކަތާއި އޭނާ ރައްޓެހިވެގެން އުޅުނީ ސިރާޖް އާ ކަމަށާއި އެކަންތައް ނިމިގެން ދިޔަގޮތުގެ ތަފްސީލް ވެސް ހުއްޓެވެ. އަދި އޭނާ ދޫކޮށްލާފައި ސިރާޖް މާލޭގެ ފައިސާވެރިއެއްގެ ދަރިއަކާ ކާވެނި ކުރި ވާހަކަވެސް އޮތެވެ.

މި ލިއުން ކިޔަމުން ދިޔައިރު އާދިލާގެ މޫނަށް އަރަމުން ބަދަލުވަމުން ދިޔަ ކުލަތައް ވަރަށް ކާރިން ޝާން ބައްލަވަން ހުންނެވިއެވެ.

އެ ނޫހުގައި ވާ ގޮތުން އާދިލާއާއި ޝާން ވަރަށް އަވަހަށް ކާވެނި ކުރާނެއެވެ. މި ދަތުރު ހޯރަފުށްޓަށް ދިއުމުގެ އެއް މަގްސަދަކީ ޝާންގެ މަންމައަށް އާދިލާއަށް ތައާރަފް ކޮށް ދިނުމެވެ. އެކަމަށް މަންމަގެ ރުހުން ހޯއްދެވުމެވެ.

” ހާދަ ނުބައި މީހާގަނޑެއް!” އާދިލާ އެ ނޫސް މޭޒުމައްޗަށް އެއްލާލިއެވެ. އޭރު ޝާން ހުންނެވީ ކަޅި ޖައްސަވާ ނުލައްވާ ބައްލަވާށެވެ.

“ތިނޫން އެއްޗެއް ނެތީތަ ބުނަން؟” ޝާންގެ އަޑުފުޅު ފިރިހެން ވަންތަ އެވެ.

“އަޅުގަނޑު ހިތަކަށް ނާރާ އޭނަ އަޅުގަނޑާ ލަރީސާ އަޅާކިޔާފާނެ އެކޭ . އޭނަ ލިޔެފަ އޮތް ގޮތުން ހީވަނީ އަޅުގަނޑު މިއުޅެނީ ގޮތް ހުސްވެގެން މުއްސަންޖަކާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން ކަމަށް. ލަރީސާއަކަށް ނޭނގޭނެ ކަން ހިނގި ގޮތެއް. އެކަމަކު ކޮންމެވެސް ދުވަހަކުން އެކަން އޭނައަށް ވެސް އެނގޭނެ. ތިބޭފުޅާ ބޭނުންފުޅުވި ގޮތަށް އަލީއަފީފަށް މިއޮތީ އޮޅުވާލެވި ނޫންތޯ.”

” ތިހެން ކަލޭ ބުނާއިރު ހީވަނީ އަހަންނަކީ ކަލެއާމެދު ރަހުމެއް ނެތް މީހެއްހެން”. ޝާންގެ ނިތްކުރިފުޅަށް ރޫ އަރައިގެން ދިޔައެވެ. ” ނޫނީ އަމިއްލަ އުފަލަށްޓަކާ ކަލެއަށް ދެރައެއް ދޭން އުޅޭ މީހެއްހެން.”

” ހިތް އެދޭހާ ގޮތަކަށް ކަންކުރާނީ ރަހުމު ނުހުންނަ މީހުނޭ ކާފަ ބުނޭ”.

ޝާން ސިގްރެޓެއް ރޯކޮށް ލެއްވިއެވެ”. ކަލޭ ބޭނުންތަ މިކަމާ މަސްއަލަ ޖައްސަން؟ ނޫނީ ކަލޭ ބޭނުމީ މިހިސާބުން މިދަތުރު ނިންމާލަންތަ؟ އޭރުން ރަށުގަ މަޑުމަޑުން އުޅެވިދާނެ . އެކަމަކު ބައެއް އަންހެން ކުދިން މަޝްހޫރުވާން އޮތްނަމަ ކޮންމެ އެއްޗެއް ލިއުނަސް އެކަމާ ދެކޮޅެއް ނަހަދާނެ. އަމުދުން ފައިސާވެރިޔަކާ އަޅުވާކިއުމަކީ އެމީހުން ވަރަށް ގަޔާވާ ކަމެއް. އެކަމަކު ކަލެއަކީ އެކަހަލަ ކުއްޖެއް ނޫންކަން އަހަންނަށް އެނގޭ. ކަލޭ ތިހިރީ ވަރަށް ރުޅިއައިސްފަ ދޯ؟. މަށަށް ހީވަނީ އަހަންނާ ކަލެއާ ވަރަށް އެއްގޮތް ކަންތަކެއް އެބަ ހުރިހެން. އަހެރެމެން ދެމީހުންވެސް ހިތުގައި ހުންނަ ކަންތައް މީހަކަށް އަންގާކަށް ބޭނުމެއް ނުވޭ. އަހަރުމެން ބޭނުމީ ޚުދު އަމިއްލަ ނަފްސަށް ވެސް ކަންކަން ފޮރުވަން “.

ޝާން އެ ވިދާޅުވީ ވަރަށް ތެދު ވާހަކައެއްކަން އާދިލާ އަށް ވެސް ގަބޫލު ކުރެވެއެވެ. އޭނާ އެތަނުން ދުރަށް ދާން ތެދުވިއެވެ.

“މާލެ ފައިބާތަނުން ރިޕޯރޓަރުން އައިސް ވަށާލާނެ”. ޝާން ރޯކުރެއްވި ސިގްރެޓް ނިއްވާލެއްވިއެވެ. މި ރިޕޯޓާ މެދު ޝާން މާ ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާކަން އާދިލާ އަށް ފާހަގަ ކުރެވުނެވެ. މިއީ އާދިލާ ހައިރާންވީ ކަމެކެވެ.

-ނުނިމޭ-