English Edition
Dhivehi Edition

ޕީޕީއެމް އިން ދެން ވެރިކަަން ލިބިއްޖެނަމަ، އައްޑޫ ސިޓީ ހުޅުމީދޫ އާއި ހިތަދޫ ބުރިޖަކުން ގުޅުވައިލައްވާނެ ކަމަށް އިދިކޮޅު އެންމެބޮޑު ޕާޓީ ޕީޕީއެމް ގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އައްޑޫގެ ރަށްތައް ސިޓީއެއްގެ ގޮތުގައި އޮތް ނަމަވެސް ހުޅުމީދޫއަށް ބޭނުންވާ ކަންކަން ކުރިއަށް ނުގޮސް ފިތިގެންދާތީ އަދުގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

އެ ރަށުގައި ޖަލްސާ ބާއްވާ، ވާހަކަ ދެއްކުމަށް ހަދާފާއިވާ ޕޯޑިއަމް ހުރީ ބްރިޖެއްގެ ގޮތަށް ފަރުމާކޮށްފަ އެވެ.

އައްޑޫ ސިޓީގެ ހިތަދުއާއި ހުޅުމީދޫ ބުރިޖަކުން ގުޅުވައި ދިނުމަކީ ރައީސް ސާލިހްގެ ވެސް ރިޔާސީ ވައުދުފުޅަކަށްވީނަމަވެސް، އަދި މިހާތަނަށް އެކަމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ އައްޑޫ ތަރައްޤީކުރެވޭނީ އިންޑިއާ ކިބައިން މިނިވަންވެގެން ކަމަށް ވެސް ވިދާޅުވެފަ އެެވެ.

އެމަނިކުފާނު ވިދާޅުވީ އައްޑޫގައި އަޅާފައިވާ ޕޮލިސް އެކަޑެމީއަކީ ސީދާ ދިގު މުއްދަތަށް އައްޑޫގައި ތިބުމަށް އިންޑިއާއިން އަޅާފައިވާ ތަނެއް ކަމަށާއި އެއީ އެ ނޫން މަގުސަދެއްގައި ބިނާކުރި ތަނެއް ކަމުގައިވާނަމަ އެތަން ދިވެހި ސަރުކާރާ ހަވާލުކުރަންވީ ކަމަށެވެ.