ގއ. މާނާގަލާގައި ހެޗަރީއެއް އަޅަން ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާނާގަލާގައި މަސްމަހާ މެހީގެ އެކި ބާވަތްތައް އާލާކުރާ މަރުކަޒެއް، ނުވަތަ މަލްޓި-ސްޕިޝީސް ހެޗަރީ އެއްއެޅުމާއި ގުޅޭ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިންގ އެގްޒެކެޓިވް އީނާސް ނާސިރެވެ. އަކުއާ ބްރިޖްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ތާބިޝެވެ.
ހެޗަރީ ފަރުމާކޮށް، ބިނާކޮށް ހިންގުމަށް 21 އަހަރުދުވަސް ލިބޭނެއިރު، އަކުއާ ބްރިޖް ކުންފުނިން 3 ފިޔަވައްސަކަށް ބަހާލައިގެން މާނާގަލާގައި 16 މިލިއަން ޑޮލަރު އިންވެސްޓު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.
ސަރުކާރުގެ ފަރާތުން މިހައިތަނަށް ވަނީ 3.8 މިލިއަން ޑޮލަރުގެ ސަޕޯޓް އިންފްރާސްޓްރަކްޗަރ މާނާގަލާގައި ގާއިމް ކޮށްފަ އެވެ.
މައިގަނޑު ގޮތެއްގައި ފާނަ އާއި ހުއިފިލަނޑާ އަދި އެން އާލާކުރާ މި ހެޗަރީ އަޅަން 16 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް ސަރުކާރުން ބުނެއެވެ. މި މަޝްރޫއު ހިންގަނީ ވޯލްޑް ބޭންކުން ދީފައިވާ ހިލޭ އެހީގެ ދަށުން ނެވެ.
މި އެއްބަސްވުމުގައި ވާގޮތުން އަކުއަބްރިޖް-ޔޫނައިޓަޑް އަރަބް އެމިރޭޓްސް އިން އަހަރަކު 5 މިލިއަން ފާނަ، 2 މިލިއަން ހުފިލަނޑާ އަދި ދޮށީގެ މަސްވެރިކަމުގައި ދިރޭއެމުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި އަހަރަކު 150 ޓަނުގެ ބޭންގު އާލާކޮށް ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.