English Edition
Dhivehi Edition
ވިއްސާރަވެ އައްޑޫސިޓީގެ މަގުތަކުގައި ފެންބޮޑުވެފައި/ފޮޓޯއޭއޯނިއުސް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ އުދަ އަރާފާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރުފަހު 13:30 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް އުދަ އަރާނެ ކަމަށެވެ. މެޓުން ބުނީ މެދު ރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 03 މޭލާ 10 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

މިއަދު ހަވީރު 18:00 އާއި ހަމައަށް ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާއި ހަމައަށް ހުންނާނެ ކަމަށް ލަފާކޮށް މެޓު އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.