English Edition
Dhivehi Edition
ދޮށީ އުމުރުގެ މީޙުންނަށްޚާއްޞަކޮށްގެން ހުޅުމީދޫގައި ހިންގި ޕްރޮގްރާމެއް ގެ ތެރެއިން: ފޮޓޯ/ އާމިނަތު ސާލިހާ/ އޭއޯ ނިއުސް

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިންތިޒާމްކޮށްގެން އައްޑޫސިޓީގެ ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން “ރަންވޭލާ” ކެމްޕެއިން ހަރަކާތްތަކެއް ފަށައިފިއެވެ.

މިހަރަކާތްތަކަކީ ދޮށީ އުމުރުގެ މީހުންނަށް އަޅާލާ އޯގާތެރި މުޖްތަމަޢުއެއް ބިނާކުރުމަށާއި ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުމާއި، އެމީހުންނަށް އަޅާލުން އިތުރުކުރުމަށާއި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮކަން ދޮށީ އުމުރުގެ މީހުންގެ ތެރޭގައި އަށަގެންނެވުމަށްޓަކައި މިނިސްޓްރީން ހިންގާ ކެމްޕެއިން ހަރަކާތްތަކެކެވެ.

ނޮވެންބަރު 1 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކޮންމެ ދުވަހަކު ދޮށީ އުމުރުގެ މީހުންގެ އިތުރުން ޒުވާނުންނަށް ބާއްވާ އެވެއަރނެސް ސެޝަނެއް އޮންނާނެއެވެ. ދޮށީ އުމުރުގެ މީހުންގެ ސެޝަން އޮންނާނީ ހަވީރު 16:00 ން ފެށިގެން 17:30 އަށެވެ. ޒުވާނުންނަށް ބާއްވާ ސެޝަން އޮންނާނީ 20:30 ން 22:00 އަށެވެ. މީގެ އިތުރުން 65 އަހަރުން މަތީ ފަރާތްތަކުގެ ހެލްތް ސްކްރީނިންގް ކޮންމެ ދުވަހަކު ހެނދުނު 11:30 އިން ފެށިގެން 13:30 ވަންދެން ކުރިއަށްދާނެއެވެ.

ރަންވޭލާ ހަރަކާތްތައް އިއްޔެ ފެށިފައިވާއިރު މި ހަރަކާތްތަކުގެ ތެރެއިން ހިންގޭ ފުރަތަމަ ހަރަކާތް ބާއްވާފައިވަނީ މަރަދޫފޭދޫ ކޮމިއުނިޓީ އީ- ސެންޓަރުގައެވެ. ދެވަނަ ދުވަހުގެ ހަރަކާތް އޮތީ މަރަދޫ ސްކޫލްގައެވެ. އަދި ހުކުރުދުވަހުގެ ހަރަކާތް އޮންނާނީ ފޭދޫ އަވަށު އޮފީހުގައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ އިން ހިންގާ ރަންވޭލާ ހަރަކާތުގެ އިތުރުން ޕެންޝަން އޮފީހުން އިސްރަށްވެހިންނާއެކު ބާއްވާ ޚާއްސަ ބައްދަލުވުމެއް އަންނަ ހޮނިހިރު ދުވަހު އީކުއޭޓަރ ވިލެޖްގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.