English Edition
Dhivehi Edition

ދިވެހިރާއްޖެއަކީ،ދުނިޔޭގެ ޗާޓުން ބަލާއިރު ވަރަށް ކުޑަކޮށް ތިކިތަކެއްހެން ފެންނަން އޮންނަ ރަށެކެވެ. ޗާޓުން ކިތަންމެކުޑަ ވިޔަސް ރާއްޖެއަކީ އަޑުގަދަ، ނުފޫޒު ގަދަ، ހަމަ އެހެންމެ ހިއްވަރުވެސްގަދަ ރައްޔިތެއް ދިރިއުޅޭ ގައުމެކެވެ. ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި އެންމެގިނަ މީހުން ސިފަކުރާ މިގައުމު އުފެދިފައިވަނީ ރީތި ހިތްގައިމު ގޮނޑުދޮށްތަކަކާއި، ކަނޑުއަޑީގެ ރީތި މަންޒަރުތަކާއި،މުރަކައިގެ ބަގީޗާތައް އެކުލެވިގެންނެވެ. އެހެންކަމުން އެތަންތަނުގެ ރީތިކަން ދެކިލައި، ހިތްއުފާކޮށްލުމަށް މިލިޔަނުން ޚަރަދުކޮށްފައި މާދުރުން އުދުހި އަންނަ މީހުން އެހާމެގިނައެވެ. ދުނިޔޭގެ މުއްސަދިންނަށް ދުނިޔެމަތީގެ ސުވަރުގެ ކަމަށް ފެނުނީ ހަމަ މި ކުޑަކުޑަ ރާއްޖެއެވެ.

ދިވެހި ރާއްޖެ އުފެދިފައި އޮންނަނީ ވަކި ވަކި ކުދި ރަށްތަކަކަށް ކަމަށްވުމުން ނިސްބަތުން ދުނިޔޭގެ އެހެންގައުމުތަކާއި އަޅައިބަލާއިރު ހިކިފަސްތަން ކުޑައެވެ. ރާއްޖެއަކީ އޭޝިއާގެ ގައުމުތަކުން އެންމެ އާބާދީކުޑަ ގައުމެވެ. ދުނިޔޭގެ ނިސްބަތުންވެސް މިގަޢުމު ހިމެނެނީ މީހުން އެންމެ މަދު އެއްގައުމުގެ ގޮތުގައެވެ. ނަމަވެސް މީސްކޮޅު މަދު ކުދިކުދި މި ރީތި ރަށްތަކުގައިވެސް ދުނިޔޭގެ ބޮޑެތިގައުމުތަކުގައި ކުރަމުން އަންނަ ކުށްތައް ކުރުން މިހާރު މިއަންނަނީ އާންމުވަމުންނެވެ.

މީގެ ތެރެއިން ގެވެށިއަނިޔާއަކީ މިރާއްޖޭގައި އާންމު ވަމުން އަންނަ އަދި ގިނަބަޔަކު ނިކަން ހަރުއަޑުން ކުށްވެރިކުރާ އެއް މައްސަލައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިވެހި ރާއްޖޭގައި، އުމުރުން 15 އަހަރާއި 49 އަހަރާއި ދެމެދު ކޮންމެ ތިން އަންހެނުންގެ ތެރެއިން އެކަކީ ކޮންމެވެސް ކަހަލަ އަނިޔާއެއް ތަހައްމަލުކުރަމުންދާ އަދި ލިބިފައިވާ މީހެކެވެ. ގެވެށި އަނިޔާގެ ތެރޭގައި ޖިސްމާނީ ގޮތުންނާއި، ނަފުސާނީގޮތުން އަދި ޖިންސީ ގޮތުން ލިބޭ އަނިޔާތައް ހިމެނެއެވެ. 2012 ވަނަ އަހަރު އެޕްރީލު މަހުގެ 9 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާއިން ފާސްކުރެއްވި “ގެވެށި އަނިޔާ ހުއްޓުމުގެ ބިލު” ގާނޫނު އަސާސީގެ 92ވަނަ މާއްދާގައިވާ ގޮތުގެ މަތިން’ 23 އޭޕްރީލް 2012 ވީ ހޯމަ ދުވަހު ތަޞްދީޤު ކުރެއްވުމާއި ގުޅިގެން އެބިލު ވަނީ ގާނޫނަކަށްވެފައެވެ. އަދި އެގާނޫނުން ކަނޑައަޅާ އިޖުރާތްތަކާއި، ރައްކާތެރިކަން ރައްޔިތުންނަށް ލިބިދޭންޖެހޭނެކަމަށްވެސް އެގާނޫނުގައި ވަރަށް ޞަރީހަ އިބާރާތުން ބަޔާންކޮށްފައި ވެއެވެ. މިގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ގެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާކަމަށް ނުވަތަ ހިނގާފައިވާކަމަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި ނުވަތަ އެފަދަ ޢަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވިއްޖެ ހިނދެއްގައި، އެކަން ފުލުހުންނަށް ރިޕޯޓުކުރަންވާނެއެވެ.މިގާނޫނުގެ މަގުސަދެއްގެ ގޮތުގައި ގާނޫނުގައި ލިޔެފައިވަނީ މިގާނޫނަކީ، ދިވެހިރާއްޖޭގައި ހިނގާ ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޢަމަލުތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ރައްކާތެރިކޮށްދިނުމާއި އެހީތެރިވެދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ކަނޑައެޅުމާއި، އެއް މުއައްސަސާ އަނެއް މުއައްސަސާއާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ކަނޑައެޅުމުގެ ޤާނޫނެވެ. މި ޤާނޫނުގެ މަޤްޞަދަށްޓަކައި ގެވެށިއަނިޔާ ބުނެފައިއެވަނީ، ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު އެ ގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ އަނިޔާގެ ޢަމަލެއް ހިންގުމަށެވެ.

މިހާރު އުފެދޭ ސުވާލަކީ ރާއްޖެފަދަ ކުޑަކުޑަ އާބާދީއެއްގައި ގެވެށި އަނިޔާ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަންޖެހެނީ ކީއްވެގެންތޯއެވެ؟ އެނގޭ ކަމަކީ މިފަދަ ނޭއްގާނި އަމަލުތައް ހިންގުމުގައި، ހަސަބާއި، ނަސަބުގެ ތަފާތެއްނެތްކަމެވެ.ތަނަވަސް ކަމާއި، ނުފޯރުންތެރިކަމުގެ ފަރަގެއްވެސް ނެތެވެ. އިވޭ އަޑުތަކަށް ބަލާއިރު މިކުށްތައް ކުރަމުން މިއަންނަނީ ހަމައެކަނި މަގުމަތީގައި ބިތްޖެހިފައިތިބޭ ދަރަޖައިގެ މީހުނެއްވެސް ނޫނެވެ. ދާދި އިހަކަށް ދުވަހު އިވިގެން ދިޔަ އަޑަކީ ގާނޫނުހަދާ މަޖިލިސް އާދެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެބޭފުޅާގެ 2 އަހަރުނުވާ ކުޑަކުއްޖަކަށާއި، އެދަރިފުޅުގެ މަންމަ އަދި އެމަނިކުފާނުގެ ކުރީގެ އަނބިކަނބަލުންނަށް ބޮޑެތި އަނިޔާތަކެއްކޮށް، ދަރިފުޅުގެ ފުރާނައަށް ނުރައްކާވާފަދަ އަމަލުތަކެއް ހިންގަން އުޅެ އެބޭފުޅާގެ ކުރީގެ އަނބިކަނބަލުން އެކަން ރިޕޯޓުކޮށް އަމިއްލަ ސޯޝަލް މީޑިއާގައި އާންމުކުރި ކަމުގެ އަޑެވެ. ގެވެށި އަނިޔާ ރާއްޖޭގައި ކުރެވޭ މިންވަރަށް ބަލާއިރު،މިފަދަ ގޮތަކަށް ފެންމަތިވެގެން އަންނަނީ ނިސްބަތުން ވަރަށް މަދު ކަމެކެވެ. ތިމާގެ އާއިލާ ތެރޭގައި ހިނގާ މިފަދަ ކަންކަން ގިނަ މީހުން އުޅެނީ ސިއްރުކޮށްގެނެވެ. ގިނަފަހަރަށް މިފަދަ އަނިޔާލިބޭ ފަރާތަކީ ގޮތެއްނެތިފައި އިންނަ މަންމައެކެވެ. ނޫނީ ކުޑަކުއްޖެކެވެ. އެހެން ކަމަށް ވުމުން މިއަނިޔާ ލިބުން ނޫން އެހެން ގޮތެއް ތިމަންނައަށް ނެތް ކަމަށް ގަބޫލުކޮށްގެން ތިމާގެ އާއިލާއަށްޓަކައި އަބަދުގެ އަބަދަށް ކަރުނަ އަޅައަޅައި މިފަދަ މީހުން ތިބެނީއެވެ. ނަމަވެސް މިހެން މިކަންވާކަށް ނުޖެހެއެވެ. ނުރޯދަރިއަކަށް ކިރެއްނޭރޭނެއޭ ބުނާ ބީދައިން ތިމާގެ އަޑު ތިމާ އިއްވަންޖެހެއެވެ. އެއްވެސް މީހަކީ ކުށުގެ ޝިކާރައަކަށް ވާންޖެހޭނެ މީހެއްނޫނެވެ. ކަމާއިބެހޭ މުއައްސަސާތަކުން އެންމެ އެދެވޭ އިޖާބަ ގިނަފަހަރަށް ނުލިބުނަސް ތިމާގެ ހައްގުގަޔާއި، އެހެންމީހުންގެ ހައްގުގައިވެސް އަޑުއުފުލަން އެބަޖެހެއެވެ. ހިތާމަޔާއިއެކު ދަންނަވަންޖެހެނީ، ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން މިފަދަ ކަންކަމަށް އެންމެ އެކަށީގެންވާ އިޖާބައެއް ނުލިބެއެވެ. އެހެނަސް އެންޖީއޯތަކާއި، އަމިއްލަ ފަރުދުންނާއި ހަމައިންވެސް މިކަންކަމަށް ހޭލުންތެރި ކުރުވަން މަސައްކަތްކުރެއެވެ. މިފަދަ އަމަލުތައް ނުހުއްޓުވިގެން މިއުޅެނީ، މިކަންކަން މައްސަލައަކަށްވެ، ތަހުގީގާއި ހަމައިން މިފަދަ ކުށްކުރާ މީހުނަށް ހައްގު އަދަބު ނުލިބޭތީ ކަމަށް ގިނަ މީހުން އެއްބަސްވެއެވެ.

ގެވެށި އަނިޔާއަށް އަޑުއުފުލާށެވެ. ކޮންމެވެސް ދުވަހަކުން މިކަމަށްވެސް އިންސާފުލިބޭނެއެވެ.

ގެވެށިއަނިޔާ ރިޕޯޓުކުރުމަށް ތިރީގައިމިވާ ނަމްބަރުތަކަށް ގުޅުއްވާ!

9790163/3000600 ފުލުސްއޮފީސް (ފެމިލީ އެންޑު ޗައިލްޑް ޕުރޮޓެކްޝަން ޑިޕާޓުމެންޓު)

3328393 މިނިސްޓްރީ އޮފު ޖެންޑާރ އެންޑް ފެމިލީ

1412 ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ހިލޭގުޅޭ ނަމްބަރު

3010551 މައުލޫމާތު ސާފުކުރުމަށް(ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓި)