ޖަހަރާ ނަމަކަށް ކިޔާ އުމުރުން 54 އަހަރުގެ އަންހެނަކު ނުފެނިގެން ހޯދަމުން ދަނިކޮށް ފެނުނީ ޕައިތަން އެއްގެ ބަނޑުތެރޭ މަރުވެފައި އޮތްވައެވެ.
އިންޑޮނޭޝިއާގެ ޖަމްބި ޕްރޮވިންސް އަވަށަށް ނިސްބަތްވާ އެ އަންހެން މީހާ ގެއްލިގެން ހޯދަން ފެށީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއް ގައެވެ.
އޭނާގެ އާއިލާ މީހުން ބުނާ ގޮތުގައި އެދުވަހު އެމީހާ ދިޔައީ ޖަންގަލީ ތެރޭން ރަބަރު ހޮވުމަށެވެ. އެދުވަހު ގޭ މީހުން ކައިރީ އޭނާދަނީ ވަލުތެރެއަށް ކަމަށްބުނެ ދިޔަގޮތަށް އަނބުރާ ނައިސްގެން ކަމާބެހޭ ފަރާތްތަކަށް އަންގައި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށް އާއިލާއިން ބުނެއެވެ.
އޭނާގެ އާއިލާ މީހުން ބުނި ގޮތުގައި ވަލު ތެރެއިން 22 ފޫޓުގެ ހަރުފައެއް ފެނުނު ކަމަށާއި އެވަގުތު އޭތި ފެނުނު އިރު ވަރަށް ބޮޑަށް ވަކި ހިސާބެއް އުފުލިފައި އޮތުމުން އޭގެ ބަނޑު ތެރޭގައި އިންސާނަކު ވާ ކަމަށް ޝައްކު ކުރެވުނެއެވެ. އަދި އޭގެ ބަނޑު ފަޅާލައި ބެލި އިރު ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ އަންހެން މީހާގެ ހަށިގަނޑު ފެނުނު އިރު އޮތީ މަރުވެފައި ކަމަށް އައިލާއިން ބުނެއެވެ.
އެއަވަށުގެ އިސްމީހާ މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ލަފާ ކުރެވެނީ ހަރުފަ އެ އަންހެން މީހާ ކާލާފައި ވަނީ އޭނާގެ ކަރުގައި އޮޅިގަތުމަށް ފަހު ނޭވާ ހާސް ކޮށްގެން މާރާ ލުމަށްފަހު އެވެ. އަދި އެފަދަ ހާދިސާ ތަކަށް ބަލާ އިރު ލަފާ ކުރެވޭ ގޮތުގައި ހަރުފަ އެ އަންހެން މީހާ އެއްކޮށް ދިރުވާލަން ދެގަޑި އިރު ނަގާނެ ކަމަށް އޭނާ ބުންޏެވެ.
މި ހާދިސާ ތަހުގީގު ކުރާ ފުލުހުން ބުނެފައި ވަނީ ޖަހަރާގެ ހަށިގަނޑު ހަރުފަ ކާލުމަށް ފަހު ހަޖަމު ކުރުމަށް ހަފްތާތަކެއް ނަގާނެ ކަމަށާއި އެއީ އޭނާގެ ހަށިގަނޑު ކަން ދަނެގަނެ ވުނީ ކާލުމަށް ފަހު ގިނަ އިރުތަކެއް ނުވެ ފެނުމުން ކަމަށެވެ.
ވިލެޖްމީހުން ބުނެފައިވާ ގޮތުގައި މި ދުވަސްކޮޅު އެ ސަރަހައްދުން ބޮޑެތި ޕައިތަން ތައް ފެންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް މިހާރު އޮތޯރިޓީ ތަކަށް އަންގާފައި ވެއެވެ. 2017 ވަނަ އަހަރުވެސް އިންޑޮނޭޝިއާގެ މީހަކު ދިރި ހުއްޓާ ޕައިތަން އެއް އެމީހާ ކާލުމުން އޭގެ ބަނޑު ފަޅައި އެމީހާ ސަލާމަތް ކޮށްފައި ވެއެވެ.