English Edition
Dhivehi Edition
ރޭ މާލެއިން ފެނުނު ހަރުފަ

މާލޭގެ މަގެއްގެ މަތިން ފެނުނު ބޮޑު ހަރުފައެއް ސިފައިން ހިފައިފި އެވެ. ފެނުނީ ކޮން ވައްތަރެއްގެ ހަރުފައެއް ކަމެއް ސީދާ ނޭނގެ އެވެ. އެހެންނަމަވެސް ބޮޑަށް ލަފާ ކުރެވެނީ އެއީ ޕައިތަން ހަރުފައެއް ކަމަށެވެ.

ސިފައިން، ހަރުފަ ހިފާ ވީޑިއޯއެއް ރޭ ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި ހަރުފައިގެ ދިގުމިނުގައި ފަސްވަރަކަށް ފޫޓު ހުންނާނެއެވެ.

މިހާރު އެހަރުފަ އޮތީ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ. މިކަމާގުޅިގެން ފުލުހުންގެ މިޑީއާ އޮފިސަރަކު ވިދާޅުވީ ރޭ 09:06 އެހާކަށް ހާއިރު އިއްޒުއްދީން މަގު މާފަންނު ސަހަރާ ކައިރިން ހަރުފައެއް ފެނިފައިވާކަމަށާއި އެ ހަރުފަ ހިފާފައިވާކަމަށެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވެސް ވަނީ މާލެއިން ޕައިތަން ހަރުފައެއް ފެނިފަ އެވެ. ރާއްޖެއަށް ލަކުޑި އެތެރެކޮށް ގުދަންކޮށްފައި ހުންނަ ޓިމްބާ ހައުސްގެ ގުދަނަކުން ފެނުނު އެ ހަރުފަ ހިފައި ސިފައިން ވަނީ ނައްތާލާފަ އެވެ.

ޕައިތަން ހަރުފަ އަކީ، ވިހަގަދަ ހަރުފައެއް ނޫނެވެ. ނަމަވެސް، ވަރަށް ބާރަށް ދަތްއަޅާ މި ހަރުފަ އަކީ، ނުވަ ފޫޓަށް ވުރެ ބޮޑު ނަމަ، އިންސާނުންނަށް އޭގެ ސަބަބުން ނުރައްކާވުމުގެ ފުރުސަތު އޮންނަ ބާވަތުގެ ހަރުފަ އެކެވެ. އެ ހާދިސާއާ ގުޅޭ މައުލޫމާތެއް އެމްއެންޑީއެފުން އަދި ޢާންމުކޮށްފައެއް ނުވެއެވެ.

ހަރުފައިގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރުމަކީ މަނާ ކަމެކެވެ.