English Edition
Dhivehi Edition

ރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން މިއަދު ޔޫރަޕިއަން ޔޫނިއަންގެ ވަފްދާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި އެންމެ އިސް ކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ރައީސް ޔާމީން އެދިވަޑައިގަތީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. އަދި ރާއްޖޭގެ ރަށްށުގައި ކުނިނައްތާލުމުގެ ނިޒާމު ގާއިމްކުރުމަށް އެހީ ހޯދުމަށާއި ތަރައްގީގެ އެކިދާއިރާތަކަށް ފައިނޭސް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

ހަމަ އެއާއެކު މިސަރުކާރު ވެރިކަމަށް އައިސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު އޮތްކަމާއި މިނިވަން ޖުޑިޝަރީއެއް ނެތުމުގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފަ އެވެ. އަދި މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޮޑެތި މައްސަލަތަކާގުޅޭގޮތުން އިދިކޮޅަށް މަޖިލީހުގައި ވަކާލާތުކުރުމަށް ހުރި ގޮންޖެހުންތައް ވެސް ފާހަގަކުރެއްވި އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވަފްދުންވަނީ ރާއްޖޭގެ ދަރަނީގެ ނިސްބަތް މިހާރު އޮތް ހިސާބުން ވަރަށް ކަންބޮޑުވާކަން ފާޅުކޮށް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ދަރަނީގެ މައްސަލަ ޙައްލުކުރައްވާނީ ކިހިނެއްތޯ އޮޅުންފިލުވާފައިވާއިރު، ރައީސް ޔާމީން ވިދާޅުވީ ދަރަނީގެ މައްސަލައަކީ ޙައްލުކުރަން ޖެހޭ މައްސަލައެއް ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެކަމަށް ޙައްލު ހޯއްދަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މިސަރުކާރުން ދަރަނި ނަގައިގެން ބޭނުންކުރަމުންދަނީ ކޮންސިއުމަބްލް ކަންކަމަށް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވާ، ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ގޮތްތަކާބެހޭ ގޮތުން ވެސް ވަނީ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.