ފޯޅަވަހި މައްސަލައިގާ ދިވެހިސަރުކާރުގެ ނިންމެވުމަކީ ގައުމަށް ކުރެވޭ ވަރަށްބޮޑު ޚިޔާނާތެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާލުވެއްޖެ އެވެ.
ދުންޔާ ނެރުއްވި ސްޓޭޓްމަންޓެއްގައި ވަނީ އެ މައްސަލައިގާ ރާއްޖޭގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ކުރިއެރުވުމަށް ދިވެހިސަރުކާރުން ނިންމި، ނިންމުން އަނބުރާ ގެނައުމަށް ސަރުކާރަށް ގޮވައިލައްވާފަ އެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުން ސަރުކާރަށް ލާޒިމުކުރާ ވާޖިބުތައް އަދާކުރުމަށް ވެސް ވަނީ ގޮވައިލައްވާފަ އެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އޯއައިސީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ދުންޔާ ވިދާޅުވީ މިއީ ރާއްޖޭގެ ސަރަހައްދުން ބައެއް އެހެން ގައުމެއްގެ ބާރުގެ ދަށަށް ދޫކޮށްލަން ނިންމި، ނިންމުމެއް ކަމަށެވެ. އަދި މިއީ މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު ގައުމީ މައްސަލަ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އެންމެމަތީ މަސްލަހަތު އޮތް މަސްލަހަތު ކަމަށާއި ދިވެހިން އެކަމަކާ، އެންމެކަންބޮޑުވާންޖެހޭ މައްސަލަ ކަމަށް ވެސް ވިދާޅުވި އެވެ.
އެ މައްސަލައިގާ ދުންޔާ ވިދާޅުވީ ރާއްޖެއާއި ފޯޅަވައްސާއި ދެމެދުގެ ކަނޑުގެ ސަރަހައްދު ވަކިކުރުމާއި ގުޅޭ މައްސަލައިގާ ސަރުކާރުގެ ސިޔާސަތު ބަދަލުކުރި، ކުރުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް، އެހެން ގައުމަކަށް “ވެދުން” ކުރުން ކަމަށެވެ.
“ރާއްޖޭގެ ސަރަހައްދުގެ ބޮޑުބައެއް މޮރިޝަސްއަށް ދިނުމަށް އެމްޑީޕީ ސަރުކާރުން އިހަށްދުވަހު ނިންމި، ނިންމުމަކީ އެޕާޓީން މިފަދަ ނިންމުމެއް ނިންމި ދެވަނަ ފަހަރު. އެޕާޓީގެ ވެރިކަމުގައި 2010 ވަނަ އަހަރުވެސް ދިވެހިރާއްޖޭގެ ޚާރިޖިއްޔާގެ އިސްމުވައްޒަފުންނަށް އެންގުމަކާނުލައި، އެފަދަ ނިންމުމެއް އެމްޑީޕީގެ ވަޒީރަކު ނިންމި. އެ ނިންމުމަށް އެފަހަރު އަމަލު ނުކުރެވުނީ ވަރަށް ކެރޭ، ހުޝިޔާރު ދިވެހި ޑިޕްލެމެޓުންތަކެއް އެކަމަށް ހުރަސް އެޅުމުން.” ދުންޔާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ ސަރަހައްދަކީ ކަނޑުއަޑީގެ މުއްސަނދިކަން އިންތިހާއަށް ފުޅާ ސަރަހައްދެއްކަމަށާއި މަސްވެރިކަން ވެސް ތިޔާގި ސަރަހައްދެއް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. އަދި އެސަރަހައްދު ރާއްޖޭގެ ބާރުގެދަށުން ބީވެގެންދާގޮތަށް ނިންމާ، ކޮންމެ ނިންމުމަކީ ދިވެހިއުންމަތަށް ދެވޭ ގެއްލުމެއް ކަމަށާއި ރާއްޖޭގެ ސަރަހައްދީ ރައްކާތެރިކަން ހިމާޔަތްކުރުމަށް ކުރި ވައުދާއި ހުވަޔާ ވެސް ޚިލާފު ކަމެއް ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.
“އެކަމުގެ ޒިންމާ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރާއި ބަންޑާރަ ނައިބު ނަންގަވަން ޖެހޭނެ. މި ނިންމުމަކީ ގާނޫނީ ކަމެކޭ ބުނެ، ރައީސުލްޖުމްހޫރިއްޔާ އާއި ޚާރިޖީ ވަޒީރަށް މިކަމުން ނުރެކެވޭނެ. ރާއްޖޭގެ މަސްލަހަތު ބޭރުދުނިޔޭގައި ކުރިއަރުވައި ހިމާޔަތްކުރުމުގެ ޒިންމާ ހަވާލުވެފައިވަނީ ޚާރިޖީ ވަޒީރާ. މި މައްސަލައިގާ އޭނާގެ ޒިންމާ ފުރިހަމައަށް އަދާކުރިތޯ ނުވަތަ ނޫންތޯ ބަލަންޖެހޭ. އަދި ދިވެހި ޚާރިޖިއްޔާގައި ތިބި ތަޖުރިބާކާރުންގެ ލަފާ ހޯދިތޯ ނުވަތަ ނޫންތޯ ވެސް ބަލަންޖެހޭ.” ދުންޔާ ވިދާޅުވި އެވެ.
ދުންޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ އެންމެމަތީ ގައުމީ މަސްލަހަތު، އެހެންގައުމަކަށް މުޅީން ހިލޭ ދޭން ނިންމިއިރު، ރާއްޖޭގެ ހުށިޔާރު ޑިޕްލެމެޓުން އެކަމާ ދެކޮޅުހެދިކަން، ދިވެހި ހުރިހައި ރައްޔިތުންނަށް އެނގި ހާމަވާން ޖެހޭ ކަމަށާއި ނުވަތަ އެފަދަ ޚިޔާލުތަކަށް އޮންނަ ފުރުސަތު މިހާރުވަނީ އެކީބަންދުކޮށްފަކަން ވެސް އެނގި ހާމަވާން ޖެހޭ ކަމަށެވެ.