އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފުޓްސެލް މުބާރާތްކަމުގައިވާ މިނިވަން ކަޕްގެ ތައްޔާރީތައްވާން ފަށައިފިއެވެ. 15 ޖުލައިގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިނިވަންދުވަހާއި ދިމާކޮށް ޖުލައި 26ވަނަ ދުވަހުގައެވެ. މި އަހަރުގެ މުބާރާތުގައި ހުޅުދޫ މީދޫ ޓީމްތަކުގެ އިތުރުން އެހެން ރަށްރަށުގެ ޓީމްތަކައްވެސް ވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. 2009 ވަނަ އަހަރުން ފެށިގެން ހުޅުދޫގައި ކުރިއަށްދާ މި މުބާރާތުގައި މިއަހަރުވެސް 10 ޓީމްވަނީ ބައިވެރިވެފައެވެ. މި އަހަރު މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ ހުޅުދޫ ޔޫތް، އޭޓީ ސްޕޯޓްސް، މަންތަރަ، މީދޫ ޔޫތްސް، މީދޫ މޭންސް ފުޓްސެލް ޓީމް، ޓީމް ކެނެރީފް، ރިސޯޓް ބޯއިސް،ސައުތް ބްލޫސްގެ އިތުރުން މިއަހަރު މި މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ ހިތަދޫ މަލްޓި ޖީނިއަސް ސިޓީ އާއި ފޭދޫ ޕަޓާސް ޓީމެވެ. ފާއިތްވެ ދިޔަ އަހަރުތަކުގައި ހުޅުދޫ މީދޫ ޓީމްތައް އެކަނި މުބާރާތުގައި ބައިވެރިވަމުން އައި ނަމަވެސް 2016 ވަނަ އަހަރު މި މުބާރާތުގައި ސަރުކާރު މުއައްސަސާތަކުންވެސް ވަނީ ބައިވެރިވެފައެވެ. މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށްވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ. މި މުބާރާތާއި ބެހޭ ގޮތުން އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފައިވަނީ މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ފުޓްބޯޅަ ކުރިއެރުވުންކަމުގައެވެ.”މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ކުޅިވަރު ކުރިއެރުވުމާއި އިޖްތިމާއީ ގުޅުން ރަގަޅުކޮށް މީހުން ހޭލުންތެރިކުރުން.ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން މުބާރާތުގެ ތެރޭގައި މުޖްތަމައުގެ ހުރި އެންމެ ބޮޑު މައްސަލަތަކާއި ބެހޭ ގޮތުން ވާހަކަދައްކަން.މި ގޮތުން މަސްތުވާތަކެތީގެ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލަކަމަށްވާތީ އަޅުގަނޑުމެން އެކަމަށް އާންމުން ހޭލުންތެރިކުރުމަށް ގިނަ ހަރާކަތްތަކެއް މުބާރާތުގެ ތެރޭގައި ހިންގަން” މުބާރާތް އިންތިޒާމްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އިބްރާހީމް ސަމީއު(މެރެތަން) ބުންޏެވެ. މިއަހަރުގެ މުބާރާތް ހުޅުދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވުމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މަސައްކަތްކުރަމުންދާއިރު ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތް އަދިވެސް ނިމިފައި ނުވާތީ މުބާރާތް ބާއްވާނެ ވަކިތަނެއް އަދި މުޅިން ނިންމާފައި ނުވާކަމަށް މެރެތަންވަނީ ބުނެފައެވެ. ” ވަރަށް ގިނަ ބައެއްގެ އެދުމާއެކު އަސްލު ބޭނުންވަނީ ފުޓްބޯޅަ ދަނޑުގައި ބާއްވަން.އެތަނުގަ ބާއްވަން ނިންމީ ދަނޑުގެ ޖާގައަށާއި މުބާރާތަށް ލިބެމުންދާ ތަރްހީބަށް ބެލުމަށްފަހު.ދެން އެ ދަނޑުގަ ކުޅުނީމަ ކުޅުންތެރިންނަށް ލިބޭ އަނިޔާތައް ކުޑަވާނެތީ.އެކަމަކު އަދިވެސް ދަނޑުގެ މަސައްކަތް ނުނިމޭތީ ވަރަށް އުއްމީދުކުޑަ ފުޓްބޯޅަ ދަނޑުގައި ބާއްވޭނެ ކަމުގެ” މެރެތަން ބުންޏެވެ. ދަނޑުގެ މަސައްކަތް ނިމޭނެ ވަކި ދުވަހެއް އަދި ޔަގީންވެފައި ނުވާއިރު 1ޖުލައިގެ ކުރިން އެ ދަނޑުގެ މަސައްކަތް ނިމިއްޖެ ނަމަ މިއަހަރުގެ މުބާރާތް ބާއްވާނީ ފުޓްބޯޅަ ދަނޑުގައި ކަމަށް މެރެތަންވަނީ ބުނެފައެވެ. ހުޅުދޫ މަޖިލިސް މެމްބަރު މުޙައްމަދު ޝާހިދު އާއި އައިލެންޑް އެކްސްޕްރެސްގެ ވަރަށް ބޮޑު އެހީތެރިކަމެއް މުބާރާތައް ލިބެމުންދާއިރު މި މުބާރަތަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށްދާ މުބާރާތެއްކަމަށް މެރެތަންވަނީ ފާހަގަކޮށްފައެވެ. ” މީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކު ކުރިއަށްދާ މުބާރާތެއް. މުބާރާތައް އެކި އެކި ގޮށްގޮތުން އެހީތެރިވެ ދެއްވާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އިރާދަކުރެއްވިއްޔާ މިއަހަރުގެ މުބާރަތަކީވެސް ފާއިތްވެ ދިޔަ އަހަރުތަކެކޭ އެއްފަދައިން ފޯރިގަދަ މުބާރާތަކަށް ވެގެންދާނެ.”މެރެތަން ބުންޏެވެ. މި މުބާރާތުގެ ކައުންޓް ޑައުން ހަރަކާތްތައް އިއްޔެ ފަށާފައިވާއިރު ހުޅުދޫ މީދޫ މެނދު ބަދަރުގައި ވަނީ ކުޑަކުދިންގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ 2016 ވަނަ އަހަރު ބޭއްވި މިނިވަން ކަޕްގެ ޗެމްޕިއަން ޓީމަކީ އެފްސީ އާޝާންއެވެ.ފާއިތްވެދިޔަ އަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވާއިރު ރަނަރަޕް ޓީމަށް ދީފައިވަނީ 15000 ރުފިޔާއެވެ. މިނިވަންކަޕް 2017 ގެ މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ