އައްޑޫ ސިޓީގައި ހުރި ޑީކޮމްޕްރެޝަން ޗެމްބަރެއް ގދ.ތިނަދޫއަށް ގެންގޮސްފިއެވެ.
ޝަންގްރިއްލާ ރިސޯޓު ހުރި ޗެމްބަރު، ރޭގެ ވަގުތެއްގައި ތިނަދޫއަށް ގެންގޮސްފައިވާއިރު މިކަމާއި ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން ޝަންގްރިއްލާގައި ބޭނުންކުރި ޗެމްބަރު ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ހަދިޔާކޮށްފައެވެ. އަދި ނިމިގެން ދިޔަ އައްޑޫ ސިޓީ ކައުންސިލުގެ ދައުރުގައިވެސް އެކަމާއި ގުޅޭ މަޝްވަރާތައްވެސް ކޮށްފައިވީ ނަމަވެސް އައްޑޫ ސިޓީ ކައުންސިލުންވެސް ރަސްމީކޮށް ޑީކޯ ޗެމްބަރާއި ހަވާލުވެފައެއް ނުވެއެވެ. އަދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ޗެމްބަރު ބަހައްޓާނެ ޖާގަ ނެތުމުން އެ ހޮސްޕިޓަލުންވެސް ހަވާލުވެފައި ނުވާކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ޑީކޯ ވާ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމެއް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އަދި ނެތް
އައްޑޫގައި ޑީކޯ ވާ ފަރާތްތަކަށް ފަރުވާދިނުމަށް ޝަންގްރިއްލާ ރިސޯޓުގައި ހުރި ޗެމްބަރު ބަންދުކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީ ހޮސްޕިޓަލުގައި ޑީކޯ ވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ޚާއްސަ ތަނެއް (ޗެމްބަރެއް) ޤާއިމްކުރެވިދާނެކަމަށް ވިދާޅުވިއެވެ. އަދި 2020 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް ވަނީ އައްޑޫގައި މިހާރު ހުރި ޑީކޮމްޕްރެޝަން ޗެމްބަރުގެ ޚިދުމަތް، އެ އަހަރުފެ މާރޗު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވެފައެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވުމުގެ ތައްޔާރީތައް ވަމުން ދިޔަ ދުވަސް ވަރު އެ ހޮސްޕިޓަލުންވެސް ވަނީ ޗެމްބަރެއް މި ވަގުތު ގާއިމްކުރެވިފައި ނެތް ނަމަވެސް ހޮސްޕިޓަލް އެއްކޮށް ނިމި ހުރިހާ ހިދުމަތެއް ފެށިގެންދާއިރު ޑީކޯވާ ފަރާތްތަކަށްވެސް ފަރުވާދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެކަމަށެވެ،