English Edition
Dhivehi Edition

އައްޑޫ ސިޓީގައި ޑެންގީ ހުން ފެތުރުން އިތުރުވާކަމަށް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާތީ އެކަމަށް އާންމުން ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އިލްތިމާސްކޮށްފިއެވެ.

އޭއީއެޗް އިން ވަނީ ޑެންގީ އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ މައުލޫމާތު ވެސް އެ ހޮސްޕިޓަލުގެ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.

އޭއީއެޗުން ބުނީ މި މަހުގެ މިހާތަނަށް އެ ހޮސްޕިޓަލަށް ޑެންގީގެ ހަތަރު ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ.

މުޅި ރާއްޖެއަށް ބަލާއިރު، ރާއްޖޭގައި މިދިޔަ މަހު ޑެންގޫ މަދު، ނަމަވެސް އިންފްލޫއެންޒާއާއި ބޭރަށް ހިންގުން އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ ބުނެފައެވެ.

އެގޮތުން މިދިޔަ ޑިސެންބަރު މަހާ އަޅައިބަލާއިރު، މި އަހަރުގެ ޖަނަވަރީ މަހު ޑެންގީހުން ޖެހިގެން ރިޕޯޓު ކުރެވުނު އަދަދު ވަނީ 73 އަށް ދަށަށް ގޮސްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައި ވަނީ 30,590 ކޭހެވެ. ނަމަވެސް މިދިޔަ މަހުގައި އެ އަދަދު ހުރީ 30,161 ގައެވެ.

ޑެންގީ ހުމަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ވައިރަލް ހުމެކެވެ. ޑެންގީ ހުން ޖައްސާ ވައިރަސް ނުވަތަ ޑެންގީ ވައިރަސްގެ ހަތަރު ވައްތަރެއް މިހާތަނަށް ފެނިފައި ވާއިރު އެ ބަލިޖެހިގެން ފުރާނައަށް ނުރައްކާވާ ފަހަރުވެސް އާދެއެވެ. އަދި ބަލިޖެހިގެން މީހުން މަރުވެފައި ވެސްވެއެވެ.