English Edition
Dhivehi Edition

އިންތިހާބުގެ ދުވަސްވަރަކީ އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ޕާޓީ ތަކުން ގިނަ ވައުދުތަކެއްވާ ދުވަސްވަރެކެވެ.ބައެއް ފަހަރު ވައުދުތައް ފުއްދުމުގައި އިންތިހާބުވާ މެމްބަރުން ކާމިޔާބު ހޯދި ނަމަވެސް ގިނަ ފަހަރަށް އިންތިހާބު ނިމުމުން އެ ވައުދުތައް މަތިން ހަނދާން ނެތެއެވެ. ނޫނީ ގަސްތުގައި ހަނދާންނައްތާލައެވެ. އައްޑޫ ސިޓީ އަކީވެސް އިންތިހާބުގެ ދުވަސްވަރު ގިނަ ވައުދުތަކެއްވެ، އިންތިހާބަށްފަހު ތަރައްޤީގެ ދުވެލި މެކުހަށް ޖަހާލާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭ ސިޓީއެކެވެ.އެހެންނަމަވެސް ކަންތައްވަމުންދާ ގޮތަށް ބަލާއިރު އަދި އެ ފަދަ މަންޒަރެއް އެއްވެސް ސަރުކާރެއްގައި އައްޑޫއިން ފެންނާކަށް ނެތެވެ. 2018 ވަނަ އަހަރު ރިޔާސީ އިންތިހާބު، މިހާރު ވެރިކަން ކުރާ އެމްޑީޕީއަށް ކާމިޔާބުވެގެން ދިއުން ވެގެން ދިޔައީ އައްޑޫ ރައްޔިތުންގެ އުއްމީދުތައް އަނެއްކާވެސް އާވެގެން ދިޔަ ކަމަކަށެވެ. އިންތިހާބުގެ ދުވަސްވަރު އޭރުގެ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އައްޑޫ އަށް ތަރައްޤީ ގެންނާނެ ކަމަށް ވިދާޅުވި ވީ ވައުދުތަކާއެކު މި ސަރުކާރު އިންތިހާބުވެގެން ދިޔައީ އައްޑޫ ރައްޔިތުންގެވެސް ވަރަށް ބޮޑު ހިއްސާއަކާއެކު ކަން ޔަގީނެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ފީނަން އުޅުމުގެ ތެރޭގައި ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވާ ފަރާތްތަކަށް ފަރުވާދެވޭނެ އިންތިޒާމު އައްޑޫ ސިޓީގައި ގާއިމްކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. 14 ޖުލައި 2018 ވަނަ ދުވަހު މަރަދޫ މަސްވެރިންނާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުންތަކުގެ ވާހަކަ އައްސަވަމުން ރައީސް ސޯލިހް ވިދާޅުވީ އައްޑޫ ސިޓީގެ އާ ހޮސްޕިޓަލުގައި ޑީކޯ ވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ޚާއްސަ ރީކޮމްޕްރެޝަން ޗެމްބަރެއް ޤާއިމްކުރައްވާނެކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވުމުގެ ހުރިހާ ތައްޔާރީތަކެއް ނިމި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ހޮސްޕިޓަލް ހުޅުވިގެންދާއިރު ރީކޮމްޕްރެޝަން ޗެމްބާރ އެއް ގާއިމްކޮށްފައި ނުވާކަމުގެ ވާހަކަތަކާއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ޗެމްބަރެއް މި ވަގުތު ގާއިމްކުރެވިފައި ނެތް ނަމަވެސް ހޮސްޕިޓަލް އެއްކޮށް ނިމި ހުރިހާ ހިދުމަތެއް ފެށިގެންދާއިރު ޑީކޯވާ ފަރާތްތަކަށްވެސް ފަރުވާދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ހޮސްޕިޓަލުންވަނީ ބުނެފައެވެ. އެ މަސައްކަތަށް ނަގާނެ ވަކި މުއްދަތެއް އަދި ޔަގީންވެފައިނުވާއިރު، ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެމުން ޑައިވަރަކު ވަނީ އެ ހިދުމަތަކީ ހޮސްޕިޓަލް ހުޅުވުމާއެކު ފަށަންޖެހޭ ވަރުގެ މުހިއްމު ހިދުމަތެއް ކަމުގައި ބުނެފައެވެ. “މީގެ ކުރިން ޝަންގްރިއްލާ ވިލިގިލި ރިސޯޓްގެ ޗެމްބާއިން ޑީކޯވާ މީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނީ. އެހެންނަމަވެސް މިހާރު ފަތުރުވެރިކަން ތަރައްޤީވެ ޑައިވީނަށް ދާ މީހުންގެ އަދަދު އިތުރުވެފައިވާއިރު އަޅުގަނޑުމެން ކަންބޮޑުވޭ ކުއްލި ހާލަތެއްގައި ފަރުވާ ހޯދާނެ ގޮތަކާއި މެދު.ހޮސްޕިޓަލްގައި ޗެމްބަރު ގައިމުކުރުމަށް ނަގާނެ ސީދާ ވިކި މުއްދަތަކެއް ނޭގުމަކީ ދެރަކަމެއް. ދެކުނުގައި ޑީކޯ ވާ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމެއް ނެތް އިރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ އެއްކަން މިއީ”ޑައިވަރަކު ބުންޏެވެ. ދައުލަތުގެ ބަޖެޓު 31 ބިލިއަން ރުފިޔާ އަށް އަރާއިރު، ހޮސްޕިޓަލެއްގައި ޗެންބަރެއް ނުބެހެއްޓުމަކީ ހިތާމަކުރާ ކަމެއްގައި މީގެ ކުރިން ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރުވެސް ވަނީ ވިދާޅުވެފައެވެ.

އައްޑޫގެ ޓޫރިޒަމް މަޑުމަޑުން ކުރިއަރާ ތަރައްޤީވަމުން ދާ އިރު މޫދު އަޑީގެ ރީތިކަން ބަލާލުމަށް ދާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް ފީނައިގެންނާއި ޑައިވްކޮށްގެން ދިމާވާ ކުއްލި ހާލަތުގައި ފަރުވާދެވޭނެ ރަގަޅު އިންތިޒާމެއް އައްޑޫގައި ގާއިމް ކުރެވިފައި ނެތުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން މަސްވެރިންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.ޓޫރިޒަމާއި މަސްވެރިކަން ތަރައްޤީވެ ފުޅާވަމުންދާއިރު އައްޑޫގައި ޗެމްބަރ އެއް ގާއިމްވެފައި ހުރުމަކީ ހުވަދޫ އިން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށްވެސް އެކަމުގެ ފައިދާކުރާނެ ކަމެއް ކަން ޔަގީނެވެ. އެހެންކަމުން ރިޔާސީ އިންތިހާބުގައި ރައީސް ވީ ވައުދު ފުއްދައި ދެއްވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ރީކޮމްޕްރެޝަން ޗެމްބާރ އެއް ގާއިމްކޮށްދިނުމަކީ މަސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންގެ ވަރަށް ބޮޑު އެދުމެކެވެ.

ޑީކޯވުން ރާއްޖޭގައި މިހާރު އާންމުވެފައިވާއިރު ދެކުނުގެ އަތޮޅުތަކުގައި މިފަދަ ހާދިސާތައް ވަނީ އިތުރުވެފައެވެ. ވައި ފުޅީގައި ޑައިވްކުރުމުގެ ތަމްރީނު ނެތި އެން ހިފުމަށާއި ފާނަ ހިފަން ފީނާ ބައެއް މަސްވެރިން މަރުވެ، އަނެއް ބަޔަކު ޕެރަލައިޒް ވުން ފަދަ ހާލަތާ ކުރިމަތިލާން ޖެހިފައިވާއިރު މިދިޔަ އަހަރު ނޮވެމްބަރު މަހު ހުވަދު އަތޮޅުގައި ޑައިވް ކުރި މީހެއް ޑީކޯވެ ހަށިގަނޑުގެ އެއްފަޅި ވަނީ ވާގިނެތިފައެވެ. ފީނައިގެންނާއި ޑައިވްކޮށްގެން ދިމާވާ ހާދިސާތަކުގައި ޑީކޯވެ ފަރުވާ ނުލިބި ޕެރެލައިޒްވާން ދިމާވާ މައްސަލައަށް ފަރުވާދޭނެ ޗެންބަރުތައް ގާއިމްކޮށް އެކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލާ މަޖިލީހަށް މިދިޔަ ނޮވެމްބަރު މަސްތެރޭ ވަނީ ކުއްލި މައްސަލައެއްވެސް ހުށަހަޅާފައެވެ.

މީގެއިތުރުން ދުނިޔޭގެ އެންމެ ބޮޑު ޑައިވިން އިންޝޫރެންސް ކުންފުނި ޑައިވާސް އެލާޓް ނެޓް ވޯކް(ޑީ.އޭ.އެން) އިން ދާދި ފަހުން ޝާއިއު ކުރި ލިއުމެއްގައިވެސް އެމީހުންވަނީ ރާއްޖެފަދަ ކަނޑުއަޑީގެ މުއްސަނދިކަން ލިބިފައިވާ ގައުމެއްގައި ޑީކޯ ވާ ފަރާތްތަކަށް ފަރުވާދެވޭނެ ރަގަޅު އިންތިޒާމެއް ނެތް ކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން އެ ނެޓްވޯކް އިން ވަނީ ފްރާންސްގެ ފަތުރުވެރިއަކު އައްޑޫ އަށް ކުރި ދަތުރެއްގައި ޑީކޯވެ ދިމާވި ހާދިސާ ވަރަށް ތަފްސީލްކޮށް ޝާއިއުކޮށްފައެވެ.

ވައި ފުޅިއާ އެކު ފުނަށް ފީނާ ނިމުމުން މައްޗަށް އަރަން ޖެހެނީ ވަކި ގޮތަކަށެވެ. އެކި ފުން މިނުގައި އެކި ވަގުތަށް މަޑުކޮށްގެން އޮންނަ ޖެހޭއިރު އެގޮތަށް އޮންނަންވާ ގޮތުގެ ތަފްސީލް އެނގޭ އާލާތްތައް ހުރެ އެވެ. އެއީ ޑައިވަރުން ބޭނުންކުރަން ޖެހޭ އެއްޗެއްނަމަވެސް ގިނަ ފަހަރު ޑީކޯ ވަނީ އެއަށް ނުބަލައި މައްޗަށް އެރުމުން ހަށިގަނޑުގެ ތެރޭގައި އުފެދޭ ބޮކިތަކުން ލޭ ހޮޅިތައް ބެދިގެންނެވެ. ޑީކޯވާ މީހުންނަށް ފަރުވާ ދޭ ހާއްސަ ޗެމްބަރާ ހަމައަށް ގެންދެވެންދެން އޮކްސިޖަން ދޭން ޖެހެ އެވެ. ޑީކޯވާ މީހުންނަށް ފަރުވާ ދެނީ ޗެމްބަރަށް ލައިގެންނެވެ. އެފަދަ ބައެއް ޗެމްބާތައް ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ގާއިމްކޮށްފާއިރު ޑީކޯވެފައިވާ މީހާ ޗެމްބަރަށް ލުމަށް ފަހު މޫދު އަޑީގެ ޕްރެޝަރަށް އޭގެ ތެރެ ބަދަލުކޮށްލަ އެވެ. ލޭ ހޮޅިތައް ބައްދާފައިވާ ބޮކިތައް، އޭގެ ސަބަބުން، ކުޑަވެ ބޭރުކޮށްލަ އެވެ.

 

ޓެގު