English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފުވައްމުލައް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން،އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ”ތްރީ ޖެނެރޭޝަން ވޯކު“ގައި ބައިވެރިވެވަޑައިގެންފިއެވެ.

“ތްރީ ޖެނެރޭޝަން ވޯކު” އަކީ މަންމަ ބައްޕަ އަދި މާމަ ކާފައިން ހިމެނޭހެން ތިން ޖީލުގެ އާއިލީ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ހިނގާލުމެކެވެ. މި ހިނގާލުން ކުރިއަށް ގެންގޮސްފައިވަނީ ވަލިފަންނު ސަރަޙައްދުން ފެށިގެން ސްޕޯޓްސް ޕާކަށެވެ.

ހިނގާލުން ނިންމާލުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެ ޕާކުގައި ކުރިއަށްދިޔަ އާއިލީ ހަވީރަށް ވަޑައިގެން އެތަނުގައި ހުރި ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާ، ކުޑަކުދިންގެ ނެށުމުގެ ބައެއް އައިޓަމްތައް ބައްލަވާލެއްވިއެވެ. އަދި އެ އާއިލީ ހަވީރުގައި ބައިވެރިވި އެކި އުމުރުފުރާތަކުގެ ފަރާތްތަކާއެކު ވަގުތު ހޭދަކުރައްވާފައިވެއެވެ. މި ހިނގާލުމާއި އާއިލީ ހަވީރުގައި ފުވައްމުލައް ސިޓީގެ ގިނަ އަދަދެއްގެ އާއިލާތަކުން ތިން ޖީލުގެ މީހުން ބައިވެރިވެފައިވެއެވެ.

މި ހިނގާލުމާއި އާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުހައްމަދު ދީދީ އަދި ފުވައްމުލައް ސިޓީ މޭޔަރ އިސްމާޢީލް ރަފީޤް ބައިވެރިވެވޑައިގަތެވެ.