އުތުރުކޮރެއާގެ ނިއުކްލިއަރ ޓެސްޓްކުރާ ޓަނަލެއް ވެއްޓުމުގެ ސަބަބުން 200 މީހުން މަރުވެފައިވާ ކަމަށް ޖަޕާނުގެ މީޑިއާއަކުން ރިޕޯޓު ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އުތުރު ކޮރެއާގެ އިރުއުތުރުގައި އޮންނަ ޕުންގޭރި ސަރަހައްދުގައި ބިމުއަޑީގައި އާ އިމާރާތްތަކެއް ކުރަމުން ދަނިކޮށް ކަމަށްވެސް ޖަޕާނުގެ ޓީވީ އަސާހީ އިން ރިޕޯޓު ކުރެއެވެ. މި ހާދިސާ ހިނގީ އޮކްޓޯބަރު މަހު 10 ގައި ކަމަށް ވެސް އެފަރާތުން ރިޕޯޓު ކުރެއެވެ.
ޓީވީ އަސާހީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފުރަތަމަ ޓަނަލްގެ އެއްބައި ވެއްޓުމާ ގުޅިގެން ސަތޭކައެއްހާ މީހުންވަނީ ތާށިވެފައި ކަމަށެވެ. ނަމަވެސް އެމީހުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ޓަނަލްގެ އިތުރު ބައެއް ވެއްޓި މަރުވި މީހުންގެ ޖުމްލަ އަދަދު 200 އަށް އެރިއެވެ.
ޖަޕާނުގެ ޓީވީ ސްޓޭޝަނުން ބުނިގޮތުގައި މި ތަން ވެއްޓެން މެދުވެރިވީ، އުތުރު ކޮރެއާގެ ހަވަނަ ނިއުކްލިއއރ ޓެސްޓު މި ސަރަހައްދުގައި ދާދި ފަހުން ހިންގާފައި ވުމުން ވަށައިގެންވާ ބިންގަނޑު ދޫވެގެން ގޮސްފައި ވުމުގެ ސަބަބުން ކަމަށެވެ.
މި ހަބަރު އައިސްފައި މިވަނީ، އެސަރަހައްދުގައި އުތުރު ކޮރެއާއިން އިތުރު ޓެސްޓެއް ކޮށްފިނަމަ އެ ސަރަހައްދު ފަރުބަދަ ހަލާކުވެ ރެޑިއޭޝަން ލީކެއްކުރިމަތި ވެދާނެ ކަމުގެ އިންޒާރު ދެކުނު ކޮރެއާއިން ދީފައިވާ ދަނޑިވަޅެއްގައެވެ.
ދެކުނު ކޮރެއާއިން ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގެ ބިންގަނޑަށް ކުދިކުދި ލޮޅުން ތަކެއް އައިސްފައިވާ ކަމަށެވެ. އަދި މިއިން ދޭހަވާ ގޮތުން އެ ސަރަހައްދުގެ ބިންގަނޑު ވަނީ މަޑުވެފައި ކަމަށެވެ. މީގެ ސަބަބުން އެ ސަރަހަދުގައި އިތުރު ނިއުކްލިއަރ ޓެސްޓެއް ކުރުމަކީ ރައްކާތެރި ކަމަކަށް ނުވާނެ ކަމަށް އެ ގައުމުން ބުނެއެވެ.