English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ލޯންޗެއް ދަތުރުކޮށްފައި ދަނީ - ފޮޓޯ: އޭދަފުށި ޓައިމްސް

މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް ވަރަށް މޫސުން ގޯސް، ކަނޑުގަދަ ދުވަސްވަރަކެވެ. ހުޅަނގު މޫސުމުގެ ވިއްސާރައާއި އެކު ކަނޑު ދަތުރުކުރާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ އިދާރާތަކުން އަންނަނީ މެދުނުކެޑި އިލްތިމާސްކުރަމުންނެވެ. ދަތުރަށް ފުރުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ހުރިހާ ސާމާނެއް ހަމަކުރުމަށް ދަނީ އިލްތިމާސްކުރަމުންނެވެ. ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންނަނީ ހަނދާންކޮށްދެމުންނެވެ. އެހެންނަމަވެސް މި ވިއްސާރަ މޫސުމުގައި ވެސް ފެންނަ މަންޒަރު ތަފާތެވެ. ބައެއް ކެޕްޓަނުންނާއި ފަޅުވެރިންގެ ފަރާތުން ފެންނަމުން ދަނީ ފަރުވާކުޑަކަމެވެ. މެޓް އޮފީހުން މޫސުމަށް ސަމާލުވުމަށް އިރުއިރުކޮޅާ ހަނދާން ކޮށްދެމުން އަންނައިރުވެސް ބައެއް ފެރީތަކުން ފަސިންޖަރުންނަށް، ލައިފްޖެކެޓް ދިއްކޮށްލަން ހަނދާންވެސް ނެތްކަހަލައެވެ.

ކޮންމެ ހުޅަނގު މޫސުމަކާ ދިމާކޮށް ކަނޑުމަތީގެ ހިތާމަވެރި އެތައް ހާދިސާއެއް ހިނގައި މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ވެފައިވާއިރު މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ވަނީ ފަސިންޖަރުންގެ ލައިފްޖެކެޓް އެޅުވުމަށް، ކެޕްޓަނުންނަށް މަޖުބޫރުކޮށް، ކަނޑު ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ގަވާއިދު އިސްލާހުކޮށްފައެވެ. މި ގަވައިދުގައިވާ ގޮތުން ލައިފް ޖެކެޓް އެޅުވުމަށް، ކެޕްޓަނުންނަށް ލާޒިމުކުރާ ހާލަތްތަކަކީ ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްގައި ދަތުރެއް ފަށާއިރު، ކޮންމެ ސައިޒެއްގެ އުޅަނދެއްގައި ދަތުރުކުރިޔަސް މޫސުން ގޯސްވުމުގެ ސަބަބުން އެލާޓް ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާ އިރު އަދި މޫދު ކުޅިވަރުތަކަށް ހާއްސަ އުޅނދުތަކުގައި ތެރެއިން ނުވަ މީޓަރަށް ވުރެ ކުރު އުޅަނދުގައި ދަތުރުކުރާއިރުއެވެ.

https://twitter.com/mtccplc/status/134884473497484083

ލައިފްޖެކެޓް އެޅުވުން ލާޒިމުކުރާ މާއްދާއާ ހިލާފުވެއްޖެ ނަމަ، ފުރަތަމަ ފަހަރަށް 15،000ރ. އިން ޖޫރިމަނާކުރުމާ އެކު ތިން މަސް ދުވަހަށް ލައިސަންސް ހިފެހެއްޓމާއި ތަކުރާރުކޮށް ގަވާއިދާ ހިލާފުވާނަމަ ޖޫރިމަނާއާ އެކު އެއް އަހަރު ދުވަހަށް ލައިސަންސް ހިފެހެއްޓުމުގެ ބާރު ކަމާއި ގުޅޭ އިދާރާއަށް ލިބިގެންވެއެވެ. އަދި ކެޕްޓަނުންގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް 20،000ރ. ގެ ޖޫރިމަނާކުރުމަށް ވެސް މި މާއްދާގައި ވަނީ ބަޔާންކޮށްފައެވެ.

އެހެންނަމަވެސް ލައިފްޖެކެޓް އެޅުމަކީ ހަމައެކަނި ގަވާއިދުގައި ލިޔެފައި އޮންނަ އެއްޗަކަށް ބައެއް ކެޕްޓަނުންނާއި ފަޅުވެރިން ވަނީ ހަދާފައެވެ. ބައެއް އުޅަނދުތަކުން ލައިފްޖެކެޓް އަޅުވަނީ ނަމަކަށެވެ. އެ އަޅާ ގޮތެއް، އޭގެ މުހިއްމުކަމެއް ކިޔައެއް ނުދެއެވެ. އަދި ގިނަ އުޅަނދު ފަހަރުގައި ހުންނަ ލައިފްޖެކެޓްތަކަކީ ހަމައެކަނި ނަމެއްގައި ހުންނަ އެއްޗެއްސެވެ. އޭގެ ބޭނުން އެއްވެސް ގޮތަކަށް ކުރާ ތަނެއް ނުފެނެއެވެ.

ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ހިނގައިގެން އުޅޭ ދުވަސްވަރެއްގައި ކެޕްޓަނާއި ދަތުރުވެރިންވެސް ލައިފް ޖެކެޓް އެޅުމަށް ސަމާލުކަން ދެއެވެ. އެހެންނަމަވެސް މިއީ ކަމެއް ދިމާވުމުން އެކަނި، އޮންނަންޖެހޭ ގޮތެއް ނޫނެވެ.

ކަނޑުމަތީގެ ހިތާމަވެރި ހާދިސާއެއް ހިނގާނީ ކޮން ވަގުތަކު ކިހިނެތް ކަމެއް ނޭގެއެވެ. އެހެންކަމުން އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިއްމުކަމެކެވެ. ލައިފް ޖެކެޓް އެޅުމަކީ ހަމައެކަނި ކެޕްޓަން ބުނެގެން ކުރާ ކަމަކަށް ހެދުމުގެ ބަދަލުގައި ތިމާ އަމިއްލައަށް ފެނިގެންވެސް ލައިފް ޖެކެޓް ހޯދަން ޖެހެއެވެ. އޭގެ ބޭނުން ކުރަންޖެހެއެވެ. ހަމަ އެގޮތަށް ހެދިފައިވާ ގަވައިދުތަކަށް ބޯލެބުމަކީ ކެޕްޓަނާއި ފަޅުވެރިންގެވެސް ޒިންމާއެކެވެ.