މަޖިލީހަކީ ޑްރަގް އައްޑާއަަކަށް ވެގެން ނުވާނެ ކަމަށެވެ. މަޖިލިސް ގޯތި ތެރޭގައި ފާޅުގައި ޑްރަގް ބޭނުންކޮށް މަސްތުގެ ހާލަތުގައި ތިބެ މަޖިލީހުގެ ޖަލްސާއަށް އައުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފް ވިދާޅުވީ މަޖިލީހަކީ ބިނާކުރެވޭ ހިޔާލު ފާޅުކުރެވޭ ތަނަކަށް ވާންޖެހޭ ކަމަށެވެ. އަދި ގައުމަށް ދިމާވާ ބޮޑެތި މައްސަަލަތަކުގައި ވާހަކަ ދައްކައި މަޝްވަރާކޮށްގެން ހައްލު ހޯދައިދޭން ޖެހޭ ތަނަކަށް މަޖިލީސް ވާން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ޝަރީފް ވިދާޅުވީ މަޖިލީހުގައި މެމްބަރުންގެ މެދުގައި އޮންނަ ޒާތީ ކަންކަމާއި ރުޅި އިސްކޮށް ޒުވާބުކޮށް މީހުންނަށް ހުށާމަދު ކުރާ ތަނަކަށް ވާން ޖާގަ ދީގެން ނުވާނެކަމަށާއި އެހެން ނަމަވެސް މަޖިލީހުގައި އެފަދަ ކަންކަން ހިނގަމުންދާ ކަމަށެވެ.
މެމްބަރު ޝަރީފްގެ ވާހަކަ މެދުކަނޑާލަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެންމެ ފުރަތަމަ އިސްލާހު ވާން ޖެހެނީ ޝަރީފްކަމަށެވެ.
ރައީސް ނަޝީދުގެ ވަހާކައަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ މަޖިލީހަކީ ޑްރަގް އައްޑާއަަކަށް ވެގެން ނުވާނެ ކަމަށާއި މަޖިލިސް ގޯތި ތެރޭގައި ފާޅުގައި ޑްރަގް ބޭނުންކޮށް މަސްތުގެ ހާލަތުގައި ތިބެ މަޖިލީހުގެ ޖަލްސާއަށް އައުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.އަދި މަޖިލީހުގައި ބްރެތު އެނަލައިޒާ ބަހައްޓަން ޖެހޭކަމަށް ޝަރީފް ވިދާޅުވިއެވެ.
މެމްބަރު ޝަރީފްގެ މި ވާހަކައާއި ގުޅިގެން ކޯފާއިސްކުރައްވާ ރައީސް ނަޝިދު ވިދާޅުވީ ޝަރީފް ކުރައްވާ ކަމަކީ މަޖިލީހުގެ އިއްޒަތާއި ކަރާމާތް ނަގައިލުމަށް ސާބިތުނުހިފޭ ބާވަތުގެ ވާހަކަދެއްކެވުން ކަމަށެވެ. “މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ. މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް،” ރައީސް ނަޝީދު ވިދާޅުވިއެވެ.