English Edition
Dhivehi Edition

އައްޑޫ ސިޓީގެ ތަރައްގީ ނުހުއްޓި ކުރިއަށް ގެންދިއުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

މެމްބަރު ޝަރީފް މިހެން ވިދާޅުވީ އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ފާއިތުވި 50 އަހަރުގެ ތެރޭގައި ވެސް އައްޑޫއަށް އައިސްފައި ނުވާ ފަދަ ތަރައްގީ ގެނެސްދެއްވީ ރައީސް ސާލިހު ކަމަށާއި ރައީސް ސާލިހަކީ އައްޑޫ ސިޓީގެ ތަރައްގީގެ ބާނީ ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އައްޑޫ ސިޓީން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް މަދުވެގެން 75 ޕަސެންޓް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ސާލިހަކީ އައްޑޫ ސިޓީގެ ވެސް އަދި މުޅި ރާއްޖޭގެ ތަރައްގީގެ ބާނީ ކަމުގައި ރައްޔިތުން ގަބޫލުކޮށްފި ކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިހުގެ ދެވަނަ ދައުރެއްގައި މަރަދޫގައި 3,000 ޓަނުގެ މަސް ފެކްޓަރީއަކާއި 300 ހައުސިންގ ޔުނިޓް ހަދައިދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް މެމްބަރު ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފައްޓަވައިދެއްވާފައިވަނީ މި ނެއި މަހުގެ 3 ވަނަ ދުވަހު ހަވީރު، މަރަދޫއާ ހަންކެޑަ ގުޅޭ ސަރަޙައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހު ވިދާޅުވީ ދުނިޔެއަށް ހުޅުވައިލެވޭ ވަރުގަދަ ސިޓީއަކަށް އައްޑޫސިޓީ ބަދަލުކުރުމަކީ، މާޒީގެ ތެރެއިން ތަކުރާރުކޮށް އިވުނު ދިގުލީ އަޑެއް ކަމަށާއި އަޑު މަޑުކުރުމަށްފަހު، މިއަދު ސަރުކާރުން މި ކުރަނީ އެކަމަށް ބޭނުންވާ ކަންކަން ކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީއަށް ބަދަލު އަންނާނީ، އައްޑޫގެ ބިމުގެ ބައްޓަން ބަދަލުކޮށްގެންކަން އަބަދު ވެސް އެނގޭ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

1.5 ބިލިއަން ރުފިޔާ ޚަރަދުކުރާ އައްޑޫސިޓީގެ ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީއަށް 190 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާއިރު، އިތުރު މަޝްރޫޢެއްގެ ދަށުން 42 ހެކްޓަރ ބިން ހުޅުމީދޫއަށް އިތުރުކުރުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫޢެއް ހިންގޭނެއެވެ.