English Edition
Dhivehi Edition

އައްޑޫސިޓީގައި ބޭއްވި ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) ގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައި އެވޯޑުގައި ބައިވެރިވި ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ އަންހެން ފޮޓޯ ގްރާފަރަކީ ސ.މީދޫ ފިޔަ، އާމިނަތު ސާލިހާ( ސައްލޫ) އެވެ.

އިވެންޓުގައި ވީޑިއޯ އަދި ފޮޓޯ ނެގުމުގެ މަސައްކަތުގައި މުޅިންހެން ފިރިހެނުން މަސައްކަތްކުރި އިރު ޖެހިލުން ވުމެއް ފަސްޖެހުމެއް ނެތި އަދި ވަރުބަލިކަމެއް ނެތި އިވެންޓްތަކުގެ ހުރިހާ ކަވަރޭޖެއް ހަދައި 500 އަށް ވުރެ ގިނަ ފޮޓޯ ސައްލޫ ވަނީ ނަގާފައެވެ. ސަޓާގެ އިވެންޓުތަކުގައި ބައިވެރިވި ބޭރުގައުމުތަކުގެ މެޙްމާނުން ވެސް ވަނީ ސައްލޫގެ މި ހިއްވަރަށް ސާބަސް ދީފައެވެ. ސަޓާގެ ހުރިހާ އިވެންޓެއްގައި ބައިވެރިވެ ސައްލޫ ނެގި ފޮޓޯތަކަށް ގިނަ ބައެއްގެ ތައުރީފް ލިބުނެވެ. އިވެންޓު ނިމިގެން އެންމެ ފަހު ރޭ ބޭއްވި ސެލެބްރޭޝަން ނައިޓްގައި އެންމެ ބިޒީކޮށް ސައްލޫކުރަން ޖެހުނު މަސައްކަތަކަށްވީ ފޮޓޯ ބޭނުންވެގެން ރިކުއެސްޓް ކުރި ބޭރު ގައުމުތަކުގެ މެހްމާނުން އައްޑޫން ފުރުމުގެ ކުރިން އެމީހުންގެ ފޮޓޯތައް ހަވާލުކޮށްދިނުމުގެ މަސައްކަތެވެ.

“ސަޓާގެ މުޅިއެކު 4 އިވެންޓް އޮތް އިރު ކޮންމެ އިވެންޓެއް ނިންމާފައި އައިސް ބަލަނީ ވީހާ އަވަހަކަށް ފޮޓޯތައް އެޑިޓްކޮށް އަޕްލޯޑް ކޮށްލެވޭތޯ. ފޮޓޯއެއް ނަގައިފިނަމަ އެފޮޓޯ ބަލަން ބޭނުންވާނެ މީހުން އިންތިޒާރުގައި ތިބޭނެ ކަން އެނގޭ. އެހެންވީމާ ކިތަންމެ ވަރުބަލި ވިޔަސް މަސައްކަތް އަތުން ދޫކޮށްލަނީ އެކީގައި ނިންމާފައި” ސަޓާ އެވޯޑުގެ ކަވަރޭޖްގައި ސައްލޫ މަސައްކަތްކުރީ ވަރުބަލިކަމެއްނެތިއެވެ.

އޭއޯ ނިއުސްގެ ފޮޓޯޖާނަލިސްޓް ޓްރެއިނީ އެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ސައްލޫ މިދާއިރާއަށް ނިކުތީ އީކުއޭޓަރ ވިލެޖާއި އޭއޯއިން ހިންގި ފޮޓޯ ގްރަފީ ވޯކްޝޮޕަށް ފަހުގައެވެ. ކުރިންވެސް ފޮޓޯ ނެގުމަށް ޝައުގުވެރިކަން ހުންނަ ސައްލޫގެ މި ހުނަރު ކުރިއަށް ގެންދިއުމަށް އޭއޯއިން ދިން ފުރުސަތު ގައި ހިތްވަރާއެކު ސައްލޫ ދަނީ މަސައްކަތް ކުރަމުންނެވެ. ނޫހުގެ ފަރާތުން އިވެންޓްތަކަށް ގޮސް ކަވަރޭޖް ހަދައި ފޮޓޯ ނެގުން އެއީ ސައްލޫ ކުރާހިތުން ފަރުވާތެރިކަމާާއެކު ކުރާ މަސައްކަތެކެވެ. ދުވަހަކުވެސް ފޫހިކަމެއް ނުވަތަ ވަރުބަލިކަމެއް ނުދައްކައި ސައްލޫ ކުރަމުން ދިޔަ މަސައްކަތުގައި ސަޓާ އެވޯޑުގެ ފޮޓޯ ނެގުމަށް އޭއޯއިން ފުރުސަތު ދިނުމުން ސައްލޫ ހުރީ ވަރަށް އުފަލުންނެވެ.

“މިއީ ލިބުނު ވަރަށް ރަނގަޅު އޮޕަޗުނިޓީއެއް. އިންޓަނޭޝަނަލް އިވެންޓެއްގެ ފޮޓޯ ނެގުން މިއީ މިދާއިރާގައި ލިބިގެންދާނެ ވަރަށް ރަނގަޅު ތަޖުރިބާއެއް” އިވެންޓަށް ދިއުމުގެ ކުރިން ސައްލޫ ވަނީ ބުނެފައެވެ.

ސައްލޫގެ ތަޖުރިބާ ވަރަށް ފުރިހަމައެވެ. މަސައްކަތް ކާމިޔާބެވެ. ނަތީޖާ ފޮންޏެވެ. އަންނަ އަހަރުގެ އިންޑިއާގައި ބާއްވާ ސަޓާ އިވެންޓަށް މިހާރުވެސް ސައްލޫއަށް ވަނީ ދައުވަތު ލިބިފައެވެ.

https://web.facebook.com/pg/www.aonews.mv/photos/?tab=album&album_id=647191832334929

ދާދި ފަހުން ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ހުޅުމީދޫގެ އިވެންޓުތައް ފޮޓޯ ނެގުމުގެ މަސައްކަތުގައި އޭއޯގެ އެހެން އަންހެން ފޮޓޯގްރާފަރަކާއި އެކު ސައްލޫ ފޮޓޯ ނަގާތަން ފެނި މެޑަމް ފާތުން ވެސް ވަނީ ސައްލޫމެންގެ މަސައްކަތަށް ތައުރީފްކޮށްފައެވެ. އަދި ކެރޭ އަންހެން ކުދިން މިފަދަ ދާއިރާތަކުގައި ހަރަކާތްތެރިވާތަން ފެނުމުން އުފާކުރައްވަވާކަމަށް މެޑަމް ވަނީ ވިދާޅުވެފައެވެ.

ކުރިމަގުގައި ވެސް ފޮޓޯގްރަފީގެ މަަަސައްކަތް ކުރުމުގެ އުއްމީދުގައި ހުރި ސައްލޫގެ ހުވަފެނަކީ މިދާއިރާއިން އަމިއްލަ މަސައްކަތެއް ފަށައި ފޮޓޯ ސްޓޫޑިއޯއެއްގައި މަސައްކަތް ކުރަން ފެށޭނެ ދުވަހަކަށެވެ. އަދި އައްޑޫސިޓީގެ ރިސޯޓުތަކުގައި ފޮޓޯނެގުމުގެ މަސައްކަތް ޕްރޮފެޝަނަލް ފެންވަރުގައި ކުރެވޭނެ ދުވަހެއް ފެނިގެން ދިއުމަކީ ސައްލޫގެ އެންމެ ބޮޑު އުއްމީދެވެ.

އޭއޯއިން އަބަދުވެސް މަސައްކަތް ކުރަނީ އައްޑޫސިޓީގައި ތިބި މިފަދަ ގާބިލް، ހުނަރުވެރި ކުދިން ދާއިރާއަށް ނެރެ ކުރިއަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.