English Edition
Dhivehi Edition

މިއަހަރުގެ ބައިނަލް އަގުވާމީ އުމުރުން ދުވަސްމީ މީހުންގެ ދުވަސް، ގައުމީ ފެންވަރުގައި ފާހަގަކުރާނީ ފުވައްމުލަކުގައި ކަމަށް ހަމަޖައްސައި އެދުވަހުގެ ތައްޔާރީތައް އެ ސިޓީގައި ފަށައިފިއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ތަފާތު ހަރަކާތްތަކެއް މި އޮކްޓޯބަރު މަހުގެ 11 އިން 14 ވަނަ ދުވަހަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިސް ރަށްވެހިންގެ ރަސްމީ ހަފުލާއަކާއި 3 ޖެނެރޭޝަން ވޯކް – ނުވަތަ ކާފަ-މާމަ އިންނާއއެކު ހިގާލުމެއް ބޭއްވުމާއި އާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމީ ފެންވަރުގައި މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެންމެ ފުރަތަމަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ “ގްރައުންޑް ގޮލްފް” ނަމުގައި ބައްވާ މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ އާންމުކޮށް ހުޅުވާލާފައެވެ. މި މުބާރާތް ކުރިޔަށް ގެންދިއުމަށް ރާވާފައިވަނީ ފުވައްމުލަކުގެ ކޮންމެ އަވަށެއް ތަމްސީލުކުރާނެ ޓީމަކާއެކު ޖުމްލަ 8 ޓީމު ވަދަކުރާ މުބާރާތެއްގެ ގޮތުގައެވެ. އަދި ކޮންމެ އަވަށެއްގެ ގޮލްފް ޓީމުގައި ވެސް 65 އަހަރުން މަތީގެ މަދުވެގެން 1 ކުޅުންތެރިއަކާއެކު ޖުމުލަ 5 ކުޅުންތެރިން ހިމެނޭގޮތަށް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 6 އޮކްޓޯބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރީވުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކޮންމެ އަހަރަކުވެސް އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަނީ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހެވެ.

އުމުރުން ދުވަސްމީ މީހުންގެ ދުވަހެއް ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ މުޖުތަމައުގައި އެމީހުންގެ މުހިންމުކަމާއި އެމީހުން މުޖުތަމައަށް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަން ކުރުމާއި އެކަމަށް އާއްމުގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިދުވަސް ފާހަގަ ކުރަން ފަށާފައި ވަނީ 1991 ވަނަ އަހަރުގެ އޮކްޓޯބަރު މަހު 1 ވަނަ ދުވަހުން ފެށިގެންނެވެ.