English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމިކް މިނިސްޓްރީން ދިވެހި ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިސްކިތް ބިނާކުރުމަށް ޙަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއާއިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީއެވެ. ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރަޝީދެވެ.

ފުވައްމުލައް ސިޓީގައި “މަސްޖިދުލް ފަލާޙް”ގެ ނަމުގައި ބިނާ ކުރާ މި މިސްކިތަކީ 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ނިންމަން ސަރުކާރުން ދޮންބޭޒް ޕްރައިވެޓް ލިމިޓެޑަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތް ބިނާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މި ދައުރުގައި 40 މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފެށިއެވެ. މީގެ ތެރެއިން މިވަގުތު 17 އަށް ވުރެ މިސްކިތެއް ހުޅުވާ އަންނަނީ ބޭނުންކުރަމުންނެވެ.