English Edition
Dhivehi Edition

ދިވެހި އަންހެން ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ވިމެން ޗެމްބަރ އޮފް ކޮމާސް ( ޑަބްލިޔު. އެމް. ސީ. ސީ) ގެ އިފްތިތާހީ ޖަލްސާ ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވެވީ އަންހެނުންގެ ތަރައްގީއާއި ބެހޭ މިނިސްޓަރުކަން ކުރައްވަވާފައިވާ ބޭފުޅެއް ކަމުގައިވާ އަނީސާ އަޙްމަދެެވެ. ޝަރަފުވެރި މެޙްމާނުގެ ވާހަކަފުޅުގައި ވިޔަފާރީގެ ދާއިރާގައި އަންހެނުންނަށް ގިނަ ގޮންޖެހުންތައް ހުރިކަން ފާހަގަކުރެއްވެވިއެވެ. އަދި ރާއްޖޭގެ ލާމަސީލު އަންހެން ވިޔަފާރިވެރިންގެ މިސާލު ދައްކަވަމުން ޑަބްލިޔު. އެމް. ސީ. ސީ އިން މިފަދަ ފަރާތްތަކަށް މަދަދުވެރިވެ ބާރުވެރިކުރުމަށް މަސައްކަތް ކުރާނެކަމުގައި އުއްމީދު ކުރައްވަވާ ކަމަށް ވިދާޅުވިއެވެ. އަދި ވިޔަފާރީގެ ދާއިރާއިން އަންހެނުން ނެރުމަށް މަސައްކަތް ކުރުން މުހިއްމު ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް އަނީސާ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އަންހެން ވިޔަފާރިވެރިންގެ ވިއުގައެއް ގާއިމުކޮށް އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމާއި އިގްތިޞާދީ އަދި ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި އަންހެނުންގެ ވިޔަފާރިތަކަށް ދެވޭ އަހައްމިއްޔަތުކަން އިތުރުކުރެވޭނެ ގޮތްތައް ބަލައި ހޯދުމުގެ މަގުޞަދުގައި އުފެއްދި މި ޖަމިއްޔާގެ ރައީސަކީ ޝީޒާ އިމާދެވެ. ނައިބް ރައީސާ އަކީ ޑރ މަރިޔަމް ޝަކީލާއެވެ.

ޖަމިއްޔާގެ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސާ ޝީޒާ އިމާދު ވިދާޅުވީ މި ޗެމްބަރުން ހަރަކާތްތެރިވާނީ ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ އިސްނެގުމާއި ގުޅުންތައް ބަދަހިކުރުމާއި މީހުން ބިނާކޮށް، ގައުމުގެ އިގްތިޞާދުގައި އަންހެނުންގެ ދައުރުފުޅާކޮށް ހަރުދަނާ ކުރުމަށް ކަމަށެވެ. އަދި ޗެމްބަރުން މަސައްކަތް ކުރާނީ ގައުމުގެ އިގްތިސާދީ ދުވެލީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ފަހި މާހައުލެއް ގާއިމުކުރުމުގެ އަމާޒަށް ކަމުގައި ވިދާޅުވިއެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުގެ އިއްޒަތްތެރިންނާއި އަންހެން ވިޔަފާރިވެރިން ބައިވެރިވެލެއްވި މި ރަސްމިއްޔާތުގައި މޯލްޑިވްސް ކޮމާޝަލް ބޭންކުގެ ފަރާތުން އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ތައާރަފްކޮށްފައިވާ ފުރުސަތުތަކުގެ މައުލޫމާތު އެބޭންކުގެ ސީއީއޯ ވަނީ ބައިވެރިންނާ ހިއްސާކުރައްވަވާފައެވެ.

މި ރަސްމިއްޔާތުގައި ދިވެހި އަންހެން ވިޔަފާރިވެރިއެއްގެ ގޮތުން ވާހަކަ ދެއްކެވި ވަދީފާ ވަނީ ދިވެހި ޒުވާން އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނިކުމެއިސްވެ ހަރަކާތްތެރިވާތަން ދެކިވަޑައިގަންނަވަަން ކުރައްވަވާ އުއްމީދުތައް ހާމަކުރައްވަވާފައެވެ.

މޯލްޑިވްސް ވިމެން ޗެމްބަރ އޮފް ކޮމާސް ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.