އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
ރައީސް ނަޝީދުގެ ފަރާތުން އެ މައްސަލަ ހުށަހެޅުއްވީ ޝުނާނާ އެންޑް ކޯ ލޯ ފާމުން ނެވެ.
އެ މައްސަލައިގާ ބުނީ އަމީނީ މަގުގައި ހުރި ގަސްތައް ނުނަގައި މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް ހުރުމާއެކު ކަމަށެވެ. އަދި އަމީނީމަގުގައި ހުރި ގަސްތައް އުފުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އަމީނީމަގުގައި ހުރި ގަސްތައް ކަނޑާލުމާ މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ސަރުކާރުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އެހެން ނޫނީ ޝަރީއަތަށް ދިއުން ނޫން ގޮތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގަސްތައް ހެދި ބޮޑުވުމަށް 15 ނުވަތަ 20 އަހަރު ނަގާނެކަމަށް ވެސް ރައިސް ނަޝީދު ވިދާޅުވެފައި ވެއެވެ.
އެ މައްސަލައިގާ އާރްޑީސީން ބުނެފައިވަނީ އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައި އޮތީ އެ މަގުގައި ހުރި ގަހަކަށް ގެއްލުން ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.
އެހެންނަމަވެސް ނަރުދަމާގެ އިތުރުން އެހެން ބައިވަރު ނެޓްވޯކުތައް ވެސް އެ މަގުގައި ވަޅުލާފައިވާތީ އަމީނީމަގު ހެދުމަށް ދަތިތައް އެބަހުރި ކަމަށް އާރްޑީސީއިން ބުނެއެވެ.