English Edition
Dhivehi Edition

ކުވައިތުގެ ބޮޑުވަޒީރު ޝައިޚް ޖާބިރު އައްސަބާހު ހިމެނި ވަޑައިގަންނަވާ ގޮތަށް އެގައުމުގެ ކެބިނެޓުގެ ހުރިހާ ވަޒީރުން ކުއްލިއަކަށް އިސްތިއުފާ ދެއްވައިފިއެވެ.

ކެބިނެޓު އެއްކޮށް އިސްތިއުފާ ދެއްވުމުން ކުވައިތުގެ އަމީރު ޝައިޚް ސަބާހް އަލްއަހްމަދު އައްސަބާހް ވަނީ އެކަން ގަބޫލުވެސް ކުރައްވައިފައެވެ.

ކުވައިތު ސަރުކާރު އެއްކޮށް އިސްތިއުފާ ދެއްވީ ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ހުށަހެޅުމުންނެވެ. އެ ދެވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުންވަނީ އަންގާރައާއި، ބުދަ ދުވަހަށް ތާވަލްކޮށްފައެވެ.

އެގައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ދެވަޒީރެއްގެ މައްސަލަ ވައްދާފައި ވަނީ 10 މެމްބަރުންގެ ސޮޔާއެކުއެވެ. ދެ ވަޒީރެއްގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ތަފާތު އެކިކަންކަމުގެ ތުހުމަތުގައެވެ.

ކުވެއިތުގެ އާ ސަރުކާރު އެކުލަވައިލެވެންދެން ސަރުކާރު ހިންގަން ހަވާލުކޮށްފައިވަނީ އިސްތިއުފާ ދެއްވި ބޮޑު ވަޒީރާއެވެ. އެގައުމުގައި އާ ސަރުކާރެއް ވަރަށް އަވަހަށް ގާއިމް ކުރައްވާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.