English Edition
Dhivehi Edition
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު - ފޮޓޯ: ފަޔާޒު މޫސާ (ސަން)

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެސަރުކާރުގެ ފަހު ދުވަހުގެ ނިޔަލަށް މިފްކޯއިން މަސްވެރިންނަށް ނުދައްކާ އޮތް ފައިސާގެ އަދަދަކީ 185 މިލިއަން ރުފިޔާކަމަށް އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހްގެ ސަރުކާރު ނިމުނު އިރު މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ އަދަދު 250 މިލިއަނަށް އަރާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވުމާއި ގުޅިގެން އެ ވާހަކަތައް ދޮގުކުރައްވާ އާމިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަޕްލެމެންޓްރީ ބަޖެޓް ފާސްވުމާއެކު ފައިސާދޫކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިފްކޯއަށް މަސްވެރިންނަށް ފައިސާދޭން 100 މިލިއަން ރުފިޔާ އާ ސަރުކާރަށް ހަމަޖައްސާފައިވާކަމަށް އަމީރު ވިދާޅުވިއެވެ.

އެކްސެލް ޝީޓެއްގައި ހުރި ތަފާސްހިސާބުތަކާއެކު އަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުރީ ސަރުކާރުން އާންމުކޮށް ކޮންމެ ހަފްތާއަކު ފައިސާ ދޫކުރަމުން ދިޔަކަމަށެވެ. މި ސަރުކާރަށް ފާޑުވިދާޅުވަމުން އާމިރު ވަނީ މަސްވެރިންނަށް ފައިސާ ނުދެވެނީ އެކަން ކުރުމަށް ވުރެ ސަރުކާރަށް އެހެން އިސްރާފުތައް މުހިއްމުވުމުން ކަމަށެވެ. “އަޅުގަނޑުމެން މިއަށްވުރެ މާ ދަތި ދުވަސްތަކުގަވެސް ފައިސާދޫކުރަމުން ގެންދިޔައިން. މި ވާހަކަ ތިބޭފުޅުންގެ ސަރުކާރު ގެންނަން މަސައްކަތްކުރި މީހުން އެދަނީ ދައްކަމުން،” ކޮވިޑް19 ގެ ދުވަސްވަރަށް އިޝާރަތްކުރައްވަމުން އަމީރު ވިދާޅުވިއެވެ.