ދެކުނު އޭޝިއާގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވަވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަހީދަށް ސަޓާގެ ފަރާތުން ޚާއްޞަ އެވޯޑެއް އަރުވައިފިއެވެ.
އައްޑޫސިޓީގައި ބޭއްވި ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) ގައި މި އެވޯޑު ވަހީދަށް ވަނީ ދެއްވަވާފައެވެ.
ސާޓާގެ ވައިސް ޕްރެޒިޑެންޓް ސޫރަޖް ޚާން ވިދާޅުވީ އައްޑޫސިޓިގައި މި އެވޯޑް ހަފްލާ މިހާ ކާމިޔާބު ކަމާއެކު ބޭއްވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރެއްވި އެއްފަރާތަކީ ވަހީދު ކަމަށާއި ވަހީދަކީ ހުރިހާ ކަމެއްގައިވެސް ވަރަށް ޕޮޒިޓިވް ބޭފުޅެއް ކަަމަށެވެ.
“ވަޙީދު އަބަދުވެސް ވިދާޅުވާނީ އިޓްސް ޕޮސިބަލް އޭ. ކޮންމެ ކަމެއް ވެސް އެގޮތަށް ވިދާޅުވެ އަދި އެކަމެއް އެގޮތަށް ކުރައްވަވާނެ. މިހުރިހާ ކަމެއް އީކުއޭޓަރ ގައި މިހާ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނު އެެއްސަބަބު އެއީ” އޭއޯ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސޫރަޖް ޚާން ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތް ކުރައްވަވާ އަދި މިހާރު އީކުއޭޓަރ ވިލެޖްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަވާ ވަޙީދަކީ ވަރަށް ހީވާގި އަދި މިދާއިރާ ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް އަބަދުވެސް ކުރައްވަވަމުން ގެންދަވާ ބޭފުޅެއް ކަަމަށް އީކުއޭޓަރ ގެ ސްޓާފުން ވެސް ބުނެއެވެ.
ކުރީގައި އޯޝަން ރީފް ގެ ނަމުގައި އަދި މިހާރު އީކުއޭޓަރ ވިލެޖްގެ ނަމުގައި ހިންގަމުން ގެންދާ މި ހޮޓަލާއި ވަހީދު ގުޅިލެއްވެވި ފަހުން އެތަނަަށް އަންނަ ކުރިއެރުން އެންމެންވެސް ފާހަގަކުރެއެވެ. އައްޑޫގައި ބާއްވާ ހުރިހާ ބޮޑެތި އިވެންޓްތަކެއް މިއަހަރުގެ ތެރޭގައި އީކުއޭޓަރ ވިލެޖްގައި ބާއްވާފައިވާއިރު އައްޑޫ ސިޓީގައި އެންމެ ފުރަތަމަ ބޭއްވި ފަތުރުވެރިކަމުގެ ދާއިރާގެ އިންޓަނޭޝަނަލް އިވެންޓް ވެސް ބާއްވާފައިވަނީ އީކުއޭޓަރ ވިލެޖްގައެވެ.
“އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އައްޑޫގެ މީހުންނަށް އައްޑޫ ކުރިއެރުވޭނެ. އައްޑޫގެ ފަތުރުވެރިކަމަށް އޮތީ ފާގަތި މުސްތަގުބަލެއް. އައްޑޫގެ ރީތިކަން ވިއްކަންވީ. އައްޑޫގެ މީހުންގެ ހިތްހެޔޮކަމާއި އެކުވެރިކަން ވިއްކަންވީ. މިއީ ދުނިޔޭގެ މަޝްހޫރު ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ހެދުމަށް އައްޑޫގެ މީހުން އެއްބައިވެގެން މަސައްކަތް ކޮށްފިއްޔާ ވަރަށް އަވަހަށް ހަގީގަތަކަށް ހަދާލެވޭނެ ހުވަފެނެއް މިއީ” އައްޑޫގެ ފަތުރުވެރިކަމާ ބެހޭގޮތުން ވަހީދު އަބަދުވެސް ވިދާޅުވާ ވާހަކަ އަކީ އެއީއެވެ.
ވަހީދުގެ ހިތްވަރާއި މިންނަތުން އަދި އީކުއޭޓަރ ވިލެޖްގެ މުވައްޒަފުންގެ ހީވާގިކަމާއެކު މިއަދު އައްޑޫސިޓީ މިވަނީ ދެކުނު އޭޝިއާ އަށް މަޝްހޫރުވެފައެވެ. ދުނިޔޭގެ މަޝްހޫރު ގިނަ ބްރޭންޑްތަކުން 3 ދުވަސް ވަންދެން މިތަނުގައި ހޭދަކުރި ދުވަސްތަކަށް ފަހު ކޮންމެ މީހަކުވެސް ތިބީ އަލުން އެނބުރި އާއިލާއާއެކު އައްޑޫއަށް އަންނަން ބޭނުންވެފައެވެ.