English Edition
Dhivehi Edition
ދުނިޔެ ސާފުކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކައުންސިލުން ކުރިއަށް ގެންދެވުނު ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން: ފޮޓޯ ވިލިނގިލި ކައުންސިލް..

ގއ. ވިލިނގިލީގައި މީހުން ދިރިއުޅޭ ގެތަކާއި، ދިރިއުޅެން ނުފަށާހުރި ގޯތިތަކާއި، ދިރިނުއުޅެ ދޫކޮށްލެވިފައިވާ ފަޅުގެތަކާއި، ގަރާޖުތަކައި އަދި އޮޑި ހަރުގެ ތަކުގައި ފެން ހަރުލާގޮތަށް އެއްޗެހިތައް ހުންނަ ތަންތަން ސާފުކުރުމަށް ވިލިނގިލީ ކައުންސިލުން އަންގައިފިއެވެ.

އެކައުންސިލުން މިއަދު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިފަދަ ތަންތަނާއި އެއްޗެހިތައް ހުރުމުގެ ސަބަބުން އެފަދަތަކެއްޗައް މަދިރި ބިސްއަޅާފައިވާކަން ފާހަގަކުރާ ކަމަށާއި މީގެ ސަބަބުން ޑެންގީ މަދިރި އާލާވެ ޑެންގީ ހަލުވިކަމާއެކު ފެތުރެމުންދާކަންވަނީ ފާހަގަކުރެވިފައި ކަމަށެވެ.

“އެހެންކަމުން ސާފުތާހިރު ވެއްޓެއް ޤާއިމުކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ދިރިއުޅޭ ބަޔަކަށްވުމަށްޓަކައި މިދެންނެވި ގޮތްގޮތަށްހުރި ތަންތަނާއި ތަކެތި 07 ދުވަހުގެ ތެރޭގައި ސާފުކޮށް ދެއްވުންއެދި ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.” ކައުންސިލުގެ އިއުލާނުގައި ބުނެފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގައި ހަލުވިކަމާ އެކު ހުމާއި ރޯގާ، ފާނަބަސަންދާއި ލޮލު ރޯގާ އަދި ޑެންގީ ވެސް ފެތުރެމުންދާ ދުވަސްވަރަކަށް ވާތީވެ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ އިލްތިމާސް ކޮއްފައެވެ.

މީގެ އިތުރުން ހަލުވިކަމާ އެކު ހޭންޑް، ފުޓް އެންޑް މައުތު ޑިޒީޒް އާއި ބޭރަށް ހިންގުންވެސް ފެތުރުރެމުންދާ ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި އެ ބަލިތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.