ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް މިގައުމުގެ ވެރިކަމަށް ދެން ވަޑައިނުގެންނެވޭނެ ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަން މާދަމާ ބޭއްވި ކަމުގައިވިޔަސް އިންތިހާބުގައި ވާދަކޮށް ކާމިޔާބު ހޯދާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މާސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކޮށްފައިވުމާއި، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވެފައިވާތީ މުސްތަފާ ޕީޕީއެމް އިން ވަކިކޮށްފައިވާއިރު މުސްތަފާ ވިދާޅުވީ ޕީޕިއެމް އިން ވަކިކުރިޔަސް މައްސަލައެއް ނެތް ކަމަށާއި އެހެން ނަމަވެސް ރައްޔިތުން މަޖިލީހުގެ މެންބަރުކަން ގެއްލުވާ ނުލެވޭނެކަމަށެވެ.މީގެ އިތުރުން މުސްތަފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓްގައި ކަމަށާއި ސުޕްރީމް ކޯޓުން މެންބަރު ކަމުގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅާ ހުކުމް ކުރުމުގެ ކުރިން އޭނާ ޕީޕީއެމުން ވަކިވުމަށް ކަމާ ގުޅޭ ހުރިހާ ފަރާތްތަކަކަށް ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.
މުސްތަފާގެ އިތުރުން ޕީޕީއެމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީން ނިންމައި އިލެކްޝަން ކޮމިޝަނަށް ފޮނުވައިފައިވާ އިތުރު މެމްބަރުންނަކީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.