English Edition
Dhivehi Edition

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ސަބަބުން ހޭދަވަނީ ބޭކާރު ފައިސާތަކެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

މެމްބަރު ވައްޑެ މިހެން ވިދާޅުވީ ޑަބްލިއުޑީސީތައް އުވާލަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ “ވިޔަވަތި” ކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. މި ކޮންޕަރެންސްގައި ރައީސް ވިދާޅުވީ އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ ޑަބްލިޔޫ.ޑީ.ސީ.ގައި ތިއްބެވި ބޭފުޅުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާޙައުލެއް ޤާއިމުކޮށްދެއްވުންކަމަށެވެ.

އިތުރަށް ރައީސް ވިދާޅުވީ ކައުންސިލްތަކާއި ޑަބްލިއުޑީސީތައް އެއްކޮށްލައިގެން ކުރިއަށްދާން ފެނިވަޑައި ނުގަންނަވާ ކަމަށެވެ، އަދި މިހާރުވެސް އޮތްގޮތަށް މަސައްކަތް ކުރިއަށް ދާނަމަ ކުރިއެރުން ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ވައްޑެ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޑަބްލިޔުޑީސީތަކަކީ ކައުންސިލްތަކުގައި އަންހެނުންގެ ކޯޓާ ކަނޑަނޭޅޭއިރުގެ އެއްޗެއްކަމަށެވެ. އަދި ކޯޓާ ކަނޑައެޅުމުން، މިހާރު މުހިންމީ ހޮވިފައިތިބި އަންހެން ކައުންސިލަރުންގެ ދައުރު ފުޅާކުރުމަށް އެހީތެރިވެ ދިނުންކަމަށް ވައްޑެ ވިދާޅުވިއެވެ. މީގެ އިތުރުން ވައްޑެ ވިދާޅުވީ ޑަބްލިޔުޑީސީ ބާއްވައިގެން، އިތުރުހޭދަ ކުރާވަރަކަށް އުނިވަމުންދަނީ ކައުންސިލަށް ލިބޭމަދު އާމްދަނީކަމަށެވެ.