English Edition
Dhivehi Edition

ކުނި މެނޭޖްކުރުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ އާއްމު ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް އެކި ފެންވަރުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން އިސްނަގައިގެން އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތުގެ ފަހުމުނާމާގައި ސޮއިކޮށްފައިވަނީ 1 ފެބްރުއަރީ 2022ގައެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިޔާތެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އަންސާރުއެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ، ޔޫސުފް ސިރާޖްއެވެ އަދި އައްޑޫ ސިޓީގެ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޓީގެ ރައީސާ ނުސްރަތު ރަޝީދުއެވެ.

މި ޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ޑަބްލިއުޑީސީގެ ހުރިހާ މެންބަރުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ މުއްދަތައް ޓްރެއިން އޮފް ދަ ޓްރެއިނަރ ޓީ.އޯ.ޓީ ސެޝަނެއް ހިންގޭނެވެ.ސެޝަންތަކުގައި ކުނި މެނޭޖްކުރުމުގެ ޤާނޫނާއި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ އިތުރުން ސިންގަލް ޔޫސް ޕްލާސްޓިކު ދިވެހިރާއްޖޭގައި މަދުކުރުމަށް ކުރެވެމުންދާ މަސައްކަތާ ގުޅޭ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫގެ ކުނި މެނޭޖްކުރުމުގައި ގެންގުޅޭ ނިޒާމާއި އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމަށް ވެމްކޯއިން ކުރެވުމުންދާ މަސައްކަތުގެ އިތުރުން އައްޑޫ ސިޓީގައި މިނިސްޓްރީން ހިންގާ ސަރަހައްދީ ފެންވަރުގެ ޕްރެޖެކްޓްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.