English Edition
Dhivehi Edition

ގދ. މަޑަވެލި އަދި ގދ. ހޯނޑެއްދޫ އައު ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެގޮތުން މިއަދު ގދ. ހޯޑެއްދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި މަޑަވެލީ ދާއިރާގެ މަޖްލިސް މެމްބަރު ޙުސައިން ފިރުޝާން އާއި، މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒް ޙަސަން އާއި، ހޯޑެއްދޫ ކައުންސިލްގެ ރައީސް ޙުސައިން ފާރިޝް އާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްކަުގެ ތެރޭގައި 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި ކޯޒްވޭގެ 2,544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4,596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމާއި 1,378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޑޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން ކޯޒްވޭއަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3,144 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުން ހިމެނެއެވެ. މީގެ އިތުރުން ރެއިނިންގ އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރެވިގެންދާނެއެވެ. މި މަޝްރޫއަކީ 84.17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޯޒްވޭގެ ދަށުން އޮއި ދެމޭނެހެން، ކޯޒްވޭ މަތިން ހެވީ ވެހިކަލަށް ވެސް، ދަތުރުކުރެވޭ ފެންވަރަށް، މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމަށް މި އެޅޭ ކޯޒްވޭއަކީ، ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދޭނެ ކޯޒްވޭއެކެވެ. މި ކޯޒްވޭ މިހާރު ޕްލޭން ކުރެވިފައިވާ، މުއްދަތުގެ ތެރޭގައި ނިމި، ރައްޔިތުންނަށް ހިދުމަތް ލިބެންފަށާއިރު މިހާރު ތަޖުރިބާކުރާ ރަށް ގިރުމުގެ މައްސަލައަށް ވެސް ހައްލު ލިބިގެންދާނެއެވެ.

މި ކޯޒްވޭއިން މިގުޅާލެވެނީ ޖުމްލަ 04 ރަށެވެ. އެގޮތުން ހޯޑެއްދޫ އާއި މަޑަވެއްޔާއި ދޭތެރޭގަ އޮތް “ކަންނިގިލާ” އާއި، “ހާދޫ” ވެސް މި ކޯޒްވޭއާއި ގުޅާލެވޭނެއެވެ. މި ދެރަށަކީ އިގްތިސާދީ މަސައްކަތްތައް ކުރެވެން އޮތް ދެރަށަށް ވީތީ މި ކޯޒްވޭ ވެގެންދާނީ މަޑަވެއްޔަށް ވެސް އަދި ހޯޑެއްދޫއަށް ވެސް އިގްތިސާދީ ގޮތުން ދިރުން ގެނުވާނެ ކޯޒްވޭއަކަށެވެ.

އެހެންކަމުން މި ޒަމާނީ ކޯޒްވޭއިން މި ދެ ރަށް ގުޅާލުމުން ފަތުރުވެރިކަމަށް ވެސް އާ ދިރުމެއް ލިބި އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ގިނަ ފައިދާތަކެއް މި ދެ ރަށަށް ލިބިގެންދާނެއެވެ.