ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އިން އިންތިޒާމްކޮށްގެން ބާއްވާ “ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޤައުމީ މަންސަ” ފަށައިފިއެވެ.
ބަނޑޮސް މޯލްޑިވްސްގައި އިއްޔެ ފެށި މި ބައްދަލުވުމަކީ، ކާރިސާގެ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަމާޒްކޮށްގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ. މިއީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހިންގޭ ހަރަކާތްތައް ވިލަރެސް ކުރާ އަދި ސިޔާސަތުތަކަށް މަގުދައްކާ ޤައުމީ ނިޒާމެއް ޤާއިމުކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.
ދެދުވަހުގެ މުއްދަތައް ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްގެންދާ މި ބައްދަލުވުން ފައްޓަވައިދެއްވީ،މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު އެވެ.
މިބައްދަލުވުން ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ، މިއަދު މިފެށުނު މަންސަ އަކީ ކާރިސާގެ ކަންކަން އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ އިސް މުއްއައްސަސާތަކާއި، ލޯކަލް ކައުންސިލްތަކާއެކު މަޝްވަރާކޮށް ކުރިއަށްއޮތްތަނުގައި ކާރިސާގެ ކަންކަން މެނޭޖްކޮށް ޕްލޭންތައް ތައްޔާރުކުރުމަށް ލިބޭ ވަރަށް މުހިއްމު ފުރުޞަތެއްކަމަށާއި، މިކަމުގައި އެންމެހާ ފަރާތްތަކުގެ ޚިޔާލާއި ވިސްނުން މުހިއްމުކަމަށެވެ.
“ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތައް ދިވެހިރާއްޖެ ވެސް ދަނީ ތަޖުރިބާ ކުރަމުން. 2015 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހު، ނޮރަ ނަކަތުގެ ފަހުކޮޅު އައްޑޫސިޓީގައި އެލަރޓް ނެރޭނެ ފުރުޞަތުވެސް ނުލިބި، ފެންބޮޑުވުމުގެ ކާރިސާއެއް ހިނގީ ވަރަށް ކުއްލިއަކަށް. އެ ހާދިސާގައި އައްޑޫ ސިޓީ ފޭދޫ އަދި މަރަދޫ ފޭދޫގައި ފެން ބޮޑުވެ،ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނު. މީގެ އިތުރުން މިއަހަރު ހުޅަނގު މޫސުމުގެ ރޯނު ނަކަތުގައި ނަގޫރޯޅި އެރުމުގެ ސަބަބުން 3 ރަށެއްގެ 51 ގޭގެ ފުރާޅަށް އެކިވަރުގެ ގެއްލުން ލިބި ފައިވާއިރު މޫސުމީ ހާދިސާތަކުގެ އިތުރުން އަލިފާނުގެ ހާދިސާތައްވެސް ވޭތުވެދިޔަ އަހަރު ހިނގައި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ ” މިނިސްޓަރ ވިދާޅުވިއެވެ.
ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މަންސައިގައި ތަފާތު ހަތަރު ކަރުދާހަކަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި، ކާރިސާގެ ކަންކަން ބެލެހެއްޓުމާއި، ކާރިސާގެ ކަންކަމާއި ތަރައްޤީއާއި ހުރި ގުޅުމާއި، ކާރިސީ ހިރާސް ނަގުލުކުރުމަށް ހުރި ފުރުސަތުތަކުގެ އިތުރުން ކާރިސާގެކަންކަމަށް ފައިސާ ހޯދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.