English Edition
Dhivehi Edition

ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅާ، ސަމާލުވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭ އިން މިފަދައިން އިލްތިމާސް ކޮށްފައިމިވަނީ ރާއްޖޭގެ މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވާތީއެވެ.

އެ އިދާރާއިން ވަނީ ގޭގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުމަށް ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެހުމަށް އެދިފައެވެ. އަދި ގޭތެރޭގައި ފެންބޮޑު ވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ، ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން ވައި ގަދަވުމުގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ، ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ހައްޔަރުކުރުމަށާއި ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށް ވެސް ވަނީ އެދިފައެވެ. އަދި ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން ފަދަ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެ އޮތޯރިޓީން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ވެސް ސަމާލުވާން އިލްތިމާސްކޮށްފައެވެ. އެގޮތުން ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމުގެ ފުރިހަމަކަން ޔަޤީން ކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖެއަށް މިހާރުކުރަމުންދާއިރު، ޚާއްސަކޮށް ދެކުނު ރަށްތަކަށް ވަނީ ވަރަށް ބޮޑަށް އުދަ އަރައި، ބޮޑެތި ގެއްލުންތަކެއް ވެފައެވެ.