ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގޯތިގެދޮރާއި މުދަލަށް ލިބިދާނޭ ގެއްލުމަކުން ރައްކާތެރިވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ވަނީ، ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައާއި ގުޅިގެން މޫސުން ކުރިއަށް ލަފާ ކުރާ ގޮތުން ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އާއި އަދި ވިލާގަނޑުގައި ގަޑިއަކު45-50 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެތީ މިކަމާގުޅިގެން ޢާއްމު ފަރުދުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ މުހިއްމު އިރުޝާދުތަކެއް ނެރުއްވާފައެވެ.
އޭގައިވާގޮތުން މޫދާއި ކައިރީގައި އިމާރާތްކޮށްފައި ހުންނަ ގެތަކަށް ރައްކާތެރިކަމަށްޓަކައި ފެން ނުވަންނާނެހެން ވެލިބަސްތާ ފަދަ ތަކެތި ޖެހުމަށާއި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެފަދަ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުމަށާއި، މިފަދަ ތަކެތި އުސް ތަންތަނަށް ބަދަލު ނުކުރެވޭނަމަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން ހިމެނެއެވެ.
އަދި ވައިގަދަވުމުގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ފުރާޅު އެއްލާނުލާނެފަދަ ގޮތަކަށް ހައްޔަރުކުރުމަށާއި، ބޭނުންނުކުރާ އިލެކްޓްރިކް ތަކެތި ނިއްވާލާފައި ބެހެއްޓުމަށް އެދިފައިވެއެވެ.
މީގެ އިތުރުން ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުއާސަލާތީ ނިޒާމްގެ ފުރިހަމަކަން ޔަޤީންކުރުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެ ހުރިހާ ހިސާބަކަށް މިހާރުވަނީ ރީނދޫ ސަމާލު ނެރެފައެވެ. މީގެ އިތުރުން ބައެއް ރަށްރަށަށް އުދަ އަރައި ވަރަށް ބޮޑަށް ގެއްލުން ވަމުން ދެއެވެ. އައްޑޫސިޓީ މީދޫއަށް ވެސް އުދަ އަރަމުންދާ ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުންނެވެ.