އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒަބަތު ސިއްހީ ހާލުކޮޅު ގޯސްވުމާއި ގުޅިގެން، އެކަމަނާގެ ޑޮކްޓަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ މި ދަނޑިވަޅު މުޅި އިނގިރޭސިވިލާތަށްވެސް ވަނީ ބޮޑު ހިތްދަތިކަމަކާއި ކުރިމަތިވެފައެވެ.
އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް މި ވަގުތު އޮތް ރާނީ އެލިޒަބަތުގެ އުމުރުފުޅަކީ 96 އަހަރެވެ. އެ ކަމަނާ ރަސްކަމުގެ ތަހުތުގައި އިންނަވާތާ 70 އަހަރުވަނީ ވެފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރަނީ އެލިޒަބަތުއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، އެކިފަހަރު މަތިން ފަރުވާ ހޯއްދަވާފައިވާއިރު އެކަމަނާގެ ބަލި ހާލަތާއި ގުޅޭ މާ ބޮޑު ތަފްސީލެއް ބަކިންހަމް ޕެލަސްއިން ހާމަކޮށްފައެއް ނުވެއެވެ.
ރާނީ އެލިޒަބަތު މިވަގުތު އޮންނެވީ ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އެވެ. ބަލްމޮރަލް ގަނޑުވަރު ބޭރަށް ރާނީއަށް ހެޔޮއެދޭ މީހުން އެއްވެފައިވާއިރު އެކަމަނާ ހުންނެވި ބެލްމޯރަލް ގަނޑުވަރަށް ޕްރިންސް ޗާލްސްއާއި ކެމީލާ އަދި ޕްރިންސް ވިލިއަމް ވަނީ ވަޑައިގަންނަވާފައެވެ، އަދި ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން ވެސް މިހާރު ތިއްބެވީ ސްކޮޓްލެންޑަށް ވަޑައިގެންނެވުމުގެ މަގުމަތީގައިކަމަށް ބީބީސީ ރިޕޯޓްތައް ވަނީ ބުނެފައެވެ.
މީގެ އިތުރުން ޝާހީ އާއިލާގެ ހަތް މެމްބަރުން ގޮވައިގެން ސްކޮޓްލޭންޑުގެ ސިޓީއެއް ކަމަށްވާ އަބާޑިމް އިން ދަތުރު ކުރި މަތިންދާބޯޓުވެސް މިހާރު ވަނީ ޖައްސާފައެވެ. ރާނީ އެލިޒެބަތް ގެ ހާޅުކޮޅު ސީރިއަސްވި ހަބަރާއެކު ޝާހީ ވެބްސައިޓް ޑައުންވެފައިވާއިރު ބީބީސީގެ ޕްރޮގްރާމްތައްވެސް ވަނީ މެދުކަނޑާލާފައެވެ.