English Edition
Dhivehi Edition

ގއ. އެފް.ސީ.އެސް.ސީ އިން އެ އަތޮޅު މާމެންދޫ ސުކޫލުގެ ދަރިވަރުންނަށް މުޖުތަމަޢުގައި ހިނގަމުންދާ ބޮޑެތި މައްސަލަތަކާއި ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށްގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައި ވަނީ އެރަށު ސުކޫލް ގްރޭޑް 03، 04 އަދި 06 ދަރިވަރުންނަށް ނިސްބަތްކޮށެވެ.

މި ޕްރޮގްރާމްގައި ޖުމުލަ 52 ދަރިވަރުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ 03 ސެޝަނަކަށް ބަހާލެވިގެން ކަމަށް، ގއ. އެފް.ސީ.އެސް.ސީގެ ޝޯޝަލް ޕްރޮޓެކްޝަން އޮފިސަރ ރަޝާޤާ ރަޝާދު ވިދާޅުވިއެވެ.

ޕްރޮގްރާމާ ބެހޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން ރަޝާޤާ ވިދާޅުވީ، ކުރިއަށް ގެންދިޔަ 03 ސެޝަންގައި ހަގާކުރުމާއި އޭގެން ކުރާ ނޭދެވޭ އަސަރުތަކުގެ އިތުރުން އެހެން މީހުންނަށް އެހީތެރިވުމުގެ މުހިއްމުކަމާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި އަނިޔާއިން ސަލާމާތްވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ދީފައިވާކަމަށެވެ.

މި ފުރުސަތުގައި ރަޝާޤާ ވަނީ މާމެންދޫ ސުކޫލުގެ މެނޭޖްމެންޓާއި ޓީމުގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ. އަދި މި ފަދަ ޕްރޮގްރާމަތަކެއް ކުރިއަށް އޮތް މަސްތަކުގައި އެ އަތޮޅުގެ އެހެނިހެން ރަށްތަކުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށް ވެސް ރަޝާޤާ ވަނީ ވިދާޅުވެފައެވެ.

މި ފަހަކަށް އައިސް ގއ. ފެމިލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރ އިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ އެފް.ސީ.އެސް.ސީ އިން ވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒު ގްރޭޑް 08 ގެ ދަރިވަރުންނަށް ވެސް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ.