English Edition
Dhivehi Edition
OLYMPUS DIGITAL CAMERA

އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމަށް ވުރެ ބޮޑު މައްސަލައަކީ ހުތުބާ އަށް އުނިއިތުރު ގެނައުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ މީދޫ މަސްޖިދުއް މަޖުދުއްދީނުގައި މި މަހުގެ 2 ވަނަ ދުވަހު، ހުކުރު ހުތުބާ އައްޑޫ ބަހުރުވައިން ކިޔާފައިވާ މައްސަލަ އާއި ގުޅިގެން އެ އިމާމް ވަނީ ސަސްޕެންޑްކޮށްފައެވެ. މި މައްސަލަ އައްޑޫގައި އޮންނަ ހުތުބާ އާއި ބެހޭ ކޮމިޓީން ބަލަމުން އަންނައިރު، މުދިމު ސަސްޕެންޑު ކޮށްފައިވަނީ އެ މައްސަލަ ބަލައި ނިމެންދެންނެވެ.

މި ކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މިއުވާން ވިދާޅުވީ ފާސްކޮށްފައިވާ ހުކުރު ހުތުބާ އަށް، ހަތީބުން އަމިއްލަ އަށް އުނި އިތުރު ގެންނަ ނަމަ އެއިން ނިކުންނަ ނަތީޖާ ރަނގަޅު ނުވެދާނެކަމަށެވެ. އިތުރަށް މިއުވާން ވިދާޅުވީ ހުރިހާ ރަށެށްގައިވެސް ކިޔަންޖެހޭނީ އިސްލާމިކް މިނިސްޓްރީން ދޭ ހުކުރު ހުތުބާކަން، އުސޫލުގެ ތެރޭގައި އޮންނާނެކަމަށެވެ. އެކަމަކު އައްޑޫގައި މި ގޮތަށް ކަންތަށް ކުރުމުން ބަހުގެ ދަރަޖައަށް ވެސް ތަފާތު ކަމެއް އައިސް ކީރިތި ރަސޫލާمُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ދަރަޖަ ދަށް ވާ ގޮތަށް މާނަ ދޭހަވިކަމުގެ ޝަކުވާތައްވެސް އައިސްފައިވާކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ މައްސަލައަކީ އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔުން ނޫން ކަމަށާއި މައްސަލައަކީ އިސްލާމިކް މިނިސްޓްރީގެ އުސޫލާ ޚިލާފުވުން ކަމަށެވެ. އައްޑޫ ބަހުރުވައިން ހުތުބާ ކިޔާފައިވާ މައްސަލަ އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.