ކޮންމެ ސިޔާސީ ޕާޓީއެއްގެ ވެސް ދުރުރާސްތާގެ މަގްސަދަކީ ވެރިކަމަށް އައުން ކަމަށާއި އެމްއާރްއެމުން ވެސް މިހާރު ވެސް ކުރާ އުންމީދަކީ ވެރިކަން ލިބުން ކަމަށް އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވީޓީވީގެ “ބޮޑުފެންޑާ” ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނީ ކޮން ކެންޑިޑޭޓެއް ކަމާއިމެދު އަދި އެ ޕާޓީ ތެރޭގައި މަޝްވަރާ ނުކުރާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު ގާތްވުމުން އެ ފަދަ މަޝްވަރާއެއް ޕާޓީގެ މެންބަރުންގެ ތެރޭގައި ކުރާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ޕާޓީގެ ގިނަ މެންބަރުން ތާއީދު ކުރައްވާ ގޮތަކަށް ނިންމަވާނެ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއާރްއެމުގެ ފަރާތުން ކެންޑިޑޭޓެއް ވާދަ ކުރައްވާނެ ކަމަށެވެ.
ވެރިކަން ކުރެއްވުމުގެ ވިސްނުންފުޅެއް އެމަނިކުފާނު މިހާރު ނުގެންގުޅުއްވާ ކަމަށާއި 30 އަހަރު ވެރިކަން ކުރައްވާފައިވާތީ އެހެން ބޭފުޅަކަށް އެ ފުރުސަތު ދެއްވުން މާ އައުލާކަން ބޮޑު ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީ، ޖޭޕީ، އެމްއެންޕީން ވާދަ ކުރައްވާނެ ކަމަށް އިއުލާން ކޮށްފައިވާއިރު، ޕީޕީއެމުން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ ރިޔާސީ ޓިކެޓް ދީފައެވެ.
މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވައި ގެންދަވަނީ މިހާރު ވެސް ކެމްޕެއިން ކުރައްވަމުންނެވެ.