ދުނިޔޭގައި ހިނގަމުން މިދަނީ މަގާމާއި ނުފޫޒާއި ޖާހަށްޓަކައި އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރާ ދުވަސްވަރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ މިފަދަ ފިތުނަވެރި ކަމެއްގެ ތެރޭގައި ދުނިޔެ އޮތް ދުވަސްވަރެއްގައި ރާއްޖެ ގަދަ ޖަޒީރާ ގައުމުތަކަށް އެކަންކަމުގެ އަސަރު ފޯރިޔަނުދިނުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ނޫން ނަމަ އަހަރެމެންގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައި, ފުނޑުފުނޑުވެ, ނޭނގި ތިއްބައި އިސާހިތަކު ގައުމުގެ އެއްބައިވަންކަމާއި ކުރިއެރުމާޢި އިގުތިސާދު ހަލާކުވެދާނެ ކަމަށް ބުންޏެވެ.
ޚުތުބާގައި ބުނީ, މުސްލިމުން ވާންވާނީ އަބަދު ވެސް ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކަށް ކަމަށާއި ޒާތީ މަސްލަހަތު ކުރިއަށް ނެރެ, ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން އަމިއްލަ އަތްތަކުން ނަގާލާ ބަޔަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.
ކަންތައްތައް އިސްލާހުކުރުމުގެ ނިޔަތުގައި ނަމަވެސް އެއް ބަޔަކު އަނެއް ބައެއްގެ އަބުރާއި ޝަރަފު ނަގައިލުމާއި ސިއްރުތައް ހާމަކުރުމަކީ އޭގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެ ކަންކަން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި އިތުރަށް ބުނީ, މުސްލިމުންގެ މެދުގައި ކަންކަން ކުރުމަށް އަންގަވާފައިވަނީ ކަމުވޮށިގެންވާ މީހުންގެ މެދުގައި މަޝްވަރާ ކޮށްގެން ކަމަށެވެ.