އައްޑޫ ބަނދަރު ހެދިފައިވާ ގޮތުން ބޯޓު އަޅާފައި ބޭއްވުމަށް އުނދަގޫ ވާ ކަމަށާއި އަދި އަހަރުގެ ބޮޑު ބައެއްގައި އެ ހިސާބުގައި އުފެދޭ ރާޅު ބާނީގެ ސަބަބުން ބަނދަރުގައި ބޯޓު އަޅާފައި ނުބޭއްވޭ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ގަމުގައި މިހާރު ކުރިއަށް ދާ “ސަދަން މޯލްޑިވްސް ބިޒްނަސް އެކްސްޕޯ 2019” ގެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޓްރާންސިޓް ކާގޯ މިހާރަށް ވުރެ ހަރަދު ކުޑަކޮށް ގެނެވޭ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ލޮޖިސްޓިކް ކުންފުނިތަކާ މަޝްވަރާކޮޮށްގެން އެކަން ކައިރި މުސްތަގުބަލެއްގައި ހަމަޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޝާހިދު ވިދާޅުވީ ގަން އެއާޕޯޓަށް މިހާރު ވެސް ޝެޑިއުލްކޮށް ޖައްސާ ސްރީލަންކަން އެއާލައިންސް ބޭނުންކޮށްގެން ވެސް ކާގޯ މުދާ ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ހޯދިދާނެ ކަމަށެވެ.
އެމްޕީއެލްގެ ސީއީއޯގެ އިތުރުން ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކްސް ފައްޔާޒު ވިދާޅުވީ އައްޑު އަށް މުދާ އެތެރެ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން، ވިޔަފާރިވެރިން މުދާ މާލެ އަށް ގެންގޮސް އަނެއްކާ އައްޑު އަށް ގެންދަން ޖެހުމުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އިން ބޭރުން މުދާ ގަނެގެން ސީދާ އައްޑޫ ބަނދަރަށް ގެނައުމަށް ހުރި ދަތިތަކުގެ ތެރޭގައި އެފަދަ އިންފްރާސްޓްރަކްޗަރު އެ ބަނދަރުގައި ގާއިމުވެފައި ނެތުމަކީ އެންމެ ބޮޑު އެއް ހުރަސް ކަމަށެވެ.. މީގެ އިތުރުން، ދެކުނަށް ސީދާ މުދާ ގެނެސް ވިއްކޭނެ ޑިމާންޑެއް އޮންނަން ޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މާލޭގެ އިތުރުން ރާއްޖޭގައި ވިޔަފާރި ބަނަދަރުތަކެއް ހަދާފައި ވަނީ ހދ. ކުޅުދުއްފުށި، އދ. މާމިގިލި އަދި އައްޑޫ ހިތަދޫގަ އެވެ.