English Edition
Dhivehi Edition

ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ދިވެހިރާއްޖޭގެ ޖިނާއީ އިޖްރާއާތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ރާއްޖޭގައި ލިވާތު ކުރުމުގެ ބޮޑު މައްސަލަތަކެއް ފެންމަތިވެފައިވާ މި ދުވަސްކޮޅާއި ދިމާކޮށް ގާސިމް ވިދާޅުވީ މި އިސްލާހު ހުށަހަޅުއްވަން ނިންމެވީ، އިސްލާމްދީނުގައި ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ ހުތުރު ފާހިޝް އަމަލުތައް ކަމުގައިވާ ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނެން ޖެހޭ ކަންތައްތަކެއްކަމަށް އެމަނިކުފާނަށް ގަބޫލުފުޅުކުރެއްވޭތީ ކަމަށެވެ.

“މިއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑަނާޅާނަމަ، އެއްޖިންސުން ގުޅުން ހިންގުމަކީ ވަރަށް އާދައިގެ ކުށެއްކަމަށް ދެކި، އެފަދަ ފަރާތްތައް ތަހުގީގީ މަރުހަލާތައް ނިމުމުން، ފަސޭހައިން މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބޭނަމަ، ޝަރީއަތުގެ މަރުހަލާ ނިމުމުގެ ކުރިންވެސް، އެފަދަ އަމަލު އެހެންފަރާތްތަކާއިއެކު ކުރުމުގެ ފުރުސަތު އޮންނާނެ.” ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެއްޖިންސުން ގުޅުންހިންގާ މީހުންނަކީ މުޖުތަމައުއަށް ނުރައްކާތެރި ބައެއް ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށާއި، އެފަދަ މީހެއްގެ ފަރާތުން އެކަމުގެ އަސަރު ނުވަތަ އެފަދަ މީހެއްގެ ވަސްވާސް، އެމީހާގެ އާއިލާއަށާއި މުޅި މުޖުތަމައުއަށްވެސް ފޯރާނެކަމުން، އޭގެކުރިން އެފަދަ މީހުން މުޖުތަމައުއިން އެކަހެރި ކުރުމަކީ މުހިންމު ކަމެއްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

މި އިސްލާހު ހުށަހެޅުމުގެ މުހިންމުކަން ޤާސިމް ފާހަގަކުރައްވާފައިވާއިރު، ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލީސް މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު ވަނީ، އެ މައްސަލައިގެ ތަހުގީގު މަރުހަލާ ނިމުމުން ބަންދުން ދޫކޮށްލާފައެވެ. ޕީޖީ އޮފީހުން ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި، މި ހަތަރު މީހުންނަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައެވެ.

މި އެންމެން ބަންދުން ދޫކޮށްލާފައިވަނީ، ބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް ދައުވާކުރަން ފުލުުހުން ޕީޖީއަށް މައްސަލަތައް ފޮނުވުމާއެކު އެ މީހުންގެ މައްޗަށް ތުހުމަތުވާ ލިވާތުކުރުމުގެ ކުށަކީ އެ މީހުން ބަންދުގައި ބައިތިއްބަންޖެހޭ ޒާތުގެ ކުށެއް ނޫންކަމަށް ޕީޖީ އޮފީހުން ލަފާ ދިނުމުންނެވެ.