English Edition
Dhivehi Edition

މަޝްހޫރު ފިލްމީ ތަރި ބިޕާޝާ ބާސޫ އާއި ފިރިމީހާ ކަރަން ސިންގް ގްރޯވަރ، އެމީހުންގެ ފުރަތަމަ ދަރިފުޅަށް އިންތިޒާރުކުރަމުން ދާކަމަށް ބުނެފިއެވެ.

ކަރަން އާއި ކައިވެނިކުރި ފަހުން ދޭތެރެ ދޭތެރެއިން ބިޕާޝާ ބަނޑުބޮޑު ކަމުގެ ހަބަރުތައް ފެތުރިފައިވީ ނަމަވެސް، މި ވާހަކަތަކަށް އޭނާ އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އެހެންނަމަވެސް މި ފަހަރު ބަނޑުބޮޑުކަން އިއުލާންކޮށް ބިޕާޝާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ދެމީހުންގެ ދަރިފުޅު ވަރަށް އަވަހަށް އެމީހުންނާއި ބައްދަލުކުރާނެކަމަށާއި އެމީހުންގެ ދިރިއުޅުމަށް އުޖާލާކަން ގެންނާނެކަމަށެވެ. “އެންމެން ދެމުން ގެންދާ ލޯތްބާއި ހެޔޮ ދުއާތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ” ބިޕާޝާގެ ޕޯސްޓުގައި ބުންޏެވެ.

ބިޕާޝާ އާއި ކަރަން ބައްދަލުވީ 2015 ވަނަ އަހަރު ފިލްމު ‘އެލޯން’ގެ މަސައްކަތުގެ ތެރެއިންނެވެ. މި ދެތަރިން ކައިވެނިކޮށްފައިވަނީ 2016 ވަނަ އަހަރު އެޕްރީލްމަހުގެ ތެރޭގައެވެ. ބިޕާޝާ އާއި ކައިވެނިކުރުމުގެ ކުރިން ކަރަން ވަނީ ޓީވީ ތަރި ޖެނިފާ ވިންގެޓާ އާއި ޝްރަދާ ނިގާމްއާއި ކައިވެނިކޮށްފައެވެ.