English Edition
Dhivehi Edition

ރާއްޖޭގެ ނޫސްވެރިން ވެސް ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ގޮތަށް އަމަލު ކުރަން ވާނެ ކަމަށާއި ފާސިގުން ގެންނަ ޚަބަރެއްގެ ތެދުދޮގު ބަލާފައި ނޫނީ ނޫސްތަކުން ވެސް ރިޕޯޓްކޮށްގެން ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

“އިސްލާމީ ޝަރީއަތުގައި ހިފުމަށް” މި ނަމުގައި ރޭ ބޭއްވި ކެންޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ އިސްލާމް ދީނުގައި ވަނީ ކޮންމެ މީހެއްގެ އަބުރު ރައްކާތެރި ކުރުމަށް އަންގަވާފައިކަމަށާއި ފާސިގުން ގެންނަ ޚަބަރުތަކުގެ ތެދުދޮގު ބެލުމަށް ކީރިތި ޤުރުއާނުގައި ވެސް އަންގަވާފައިވާ ކަމަށެވެ. އަދި އެހެން ނޫން ނަމަ ފަހުން އެކަމާ ހިތާމަކުރަން ޖެހިދާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

“ފާއިތުވެދިޔަ 15 އަހަރު ތެރޭގައި އެމީހަކަށް އިވުނުހާ ވާހަކައެއް ދައްކަމުން މިދަނީ. ބައެއް ޓީވީތަކުން ދޮގު ހަދައިގެން ޚަބަރުތައް ކިޔަމުން ގޮސްފައިވޭ. މި ރާއްޖޭގަ. މިއަދު ކޮންމެ މީހެއްގެ އަތުގައި ސްމާޓް ފޯނެއް އޮންނައިރު، ކޮންމެ މީހަކު މިވަނީ ނޫސްވެރިއަކަށް، ކެމެރާ މަނަކަށް ބަދަލުވެފަ. އިވޭ ކޮންމެ އަޑެއްގެ ތެދުދޮގު ބެލުމެއް ނެތި އަނެކާއަށް އެ ޚަބަރު ފޯރުކޮށްދީގެން ނުވާނެ. މިއީ ރެގިއުލޭޓް ކުރަންޖެހޭ މައްސަލައެއް “

އުމަރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބައެއް ފަހަރު ދައްކާ ހަޑިހުތުރު ވާހަކަތައް ގޭގޭގެ ސިޓިން ރޫމާ ހަމައަށް ފޯރުކޮށްދިނުމުގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި، މުޖުތަމައު ތެރޭގައި ބައިބައިވުން އުފެދި، އެތައް ބައެއްގެ އަބުރު ގެއްލިގެން ހިނގައްޖެ ކަމަށެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީރާއްޖެއަށް ސިޔާސީ ޕާޓީތައް އައި ފަހުން ކޮރަޕްޝަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އަދި އެކަން ހައްދު ނައްޓާފައިވާ އިރު ވަކި ޕާޓީއެއް އިސްތިސްނާ ނުވާ ކަމަށެވެ. އަދި އެހެން ދިމާވަނީ އެކަން ކުރަން ފަސް ޖެހޭނެ އަދަބެއް ނެތުން ކަމަށް އުމަރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވުމަށްފަހު، ކެންޕެއިން ފައްޓާވާފައިވާ އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރާއްޖޭގެ އިޖުތިމާއީ ފޭރާން އަލުން ރަނގަޅުކޮށް، އެ އަސާސްތައް ކުރިއަށް ނެރެ، އިސްލާމީ ޝަރީއަތުގައި ހިފާނެ ކަމަށެވެ.