English Edition
Dhivehi Edition

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ ފޮޓޯތައް ފުލުހުންގެ ތެރެއިން ލީކްވިތޯ ބަލާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރަލާފައި ޝިއާއުގެ މަރާއި ގުޅިގެން މަޝްހޫރު ސްކޭޓަރު، ފ. ނިލަންދޫ ފިނިފެންމާގޭ އުމުރުން 22 އަހަރުގެ އަލީ ޝާހިލް ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، ޝިއާއުގެ އާއިލާއިން ވަނީ މި ހިތާމަވެރި ވަގުތު ޝިއާއުގެ ފޮޓޯތައް ޝެއަރ ކޮށް އޭނާގެ މަރާއި ބެހޭ ގޮތުން ދޮގު ހަބަރުތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

އެހެންނަމަވެސް ޝިއާއު މަރާލާފައި އޮއްވައި ފެނުނު ފޮޓޯތައް ލީކްވެފައިވާއިރު މި މައްސަލައިގައި ގިނަ ބަޔަކު ވަނީ ފުލުހުންނަށް ތުހުމަތުކޮށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މި ފޮޓޯތައް ލީކުވި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އެ މުއައްސަސާގެ ތެރެއިން އެއްވެސް ފޮޓޯއެއް ލީކުވި ވާހަކަ މިހާތަނަށް އަޑުއިވިފައި ނުވާކަމަށެވެ. އަދި އެ ފަދަކަމެއް ހިނގާފައިވޭތޯ ބަލަމުން ގެންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.