English Edition
Dhivehi Edition

ގދ. ހަވޮއްޑާގައި ހިންގާ ރިސޯޓު ވިއްކާލަން އެ ރަށް ކުއްޔަށް ނަގާފައިވާ ފަރާތުން ނިންމައި، އިންވެސްޓަރުންނަށް އެ ރަށް ގަތުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހޮޓާ އަދި ރިސޯޓު ފަދަ ތަންތަން ވިއްކުމުގައި ހަރަކާތްތެރިވާ ދުނިޔޭގެ ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ޖޭއެލްއެލް އިން ބުނި ގޮތުގައި ހަވޮއްޑާ ރިސޯޓު 2016 ގައި ހުޅުވީއްސުރެ އެ ރިސޯޓުގެ ވިޔަފާރި ރަނގަޅެވެ. އެހެންކަމުން އެ ރަށް ގަންނަ ފަރާތަކަށް ވެސް ވަގުތުން ރަނގަޅު ފައިދާއެއް ލިބުމުގެ އިތުރަށް، އެ ފަރާތެއްގެ ބްރޭންޑް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ގާއިމްކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

ހަވޮއްޑާ ކުއްޔަށް ނަގާފައިވަނީ ކްރިސްޓަލް ޕްލާޒާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނީގެ މައިގަނޑު ހިއްސާދާރުންނަކީ ލަންކާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނި ކަމަށްވާ ސަންކެން އޯވަސީސްގެ ވެރިންނެވެ.

120 ކޮޓަރި އަދި 240 އެނދު ހުންނަ ހަވޮއްޑާ ގަންނަ ފަރާތަކަށް އެ ފަރާތެއްގެ އަމިއްލަ ބްރޭންޑުގެ ދަށުން އެ ރަށް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށް ޖޭއެލްއެލް އިން ބުނެއެވެ.

ބިމުގެ ބޮޑުމިނުގައި 10.9 ހެކްޓރު ހުންނަ އެ ރަށުގައި މިހާރު ހިންގާ ރިސޯޓަކީ އޮނިކްސް ހޮސްޕިޓެލިޓީ ގްރޫޕްގެ ބްރޭންޑެއް ކަމަށްވާ “އަމާރީ”ގެ ދަށުން ގދ. ހަވޮއްޑާގައި ހިންގާ ރިސޯޓެކެވެ.