މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 16.9 ބިލިޔަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 04 އޮގަސްޓް 2022 ގެ ނިޔަލަށް ދައުލަތަށް 16.9 ބިލިއަން ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 11.4 ބިލިއަން ރުފިޔާ އާ އަޅާ ބަލާއިރު ފަސް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 12.5 ބިލިއަންއަށް އަރާފަ އެވެ. އެގޮތުން ދައުލަތަށް ޖެނެރަލް ގޫޑްސް އެންޑް ސާވިސަސް ޓެކްސްގެ ގޮތުގައި 1.8 ބިލިއަން އަދި ޓޫރިޒަމް ގޫޑްސް އެންޑް ސާވިސަސް ޓެކްސްގެ ގޮތުގައި 4.3 ބިލިއަން ލިބިފައިވެ އެވެ. ބިޒްނަސް ޕުރޮފިޓް ޓެކްސްގެ ގޮތުގައި 3.5 ބިލިއަން ލިބިފައިވެ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި 610.4 މިލިއަން ލިބިފައިވާއިރު ރޯޔަލްޓީގެ ގޮތުގައި ދައުލަތަށް ވަނީ 59.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ލިބުނުއިރު، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 480.1 މިލިއަން ލިބިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ނޮން ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް 4.4 ބިލިއަން ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. މީގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު 486.1 މިލިއަން އެމްވީއާރު އާއި ރެޒިޑެންޝަލް ޕާމިޓްގެ ގޮތުގައި 6 މިލިއަން އެމްވީއާރު ހިމެނެ އެވެ.
މީގެ އިތުރުން ރިސޯޓްތަކުން ކުލީގެ ގޮތުގައި އެމްވީއާރު 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ބިން ގަތުމާއި ބަދަލުކުރުމުގެ ފީގެ ގޮތުގައި 158 މިލިއަން އެމްވީއާރު ހޯދާފައިވެ އެވެ. އަދި މިއަހަރުގެ މިހާތަނަށް ދައުލަތަށް ޖޫރިމަނާ އާއި ޖޫރިމަނާގެ ގޮތުގައި 158.1 މިލިއަން އެމްވީއާރު ލިބިފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. މިކަމުގެ އިތުރުން އެސްއޯއީ ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް 255 މިލިއަން އެމްވީއާރު ވެސް ވަނީ ލިބިފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ ކެޕިޓަލް ރިސީޓްގެ ގޮތުގައި 10.2 މިލިއަން ރުފިޔާ އަދި ގްރާންޓްގެ ގޮތުގައި 197.9 މިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ލިބިފައިވެއެވެ.
ނަމަވެސް މިއަހަރު ދައުލަތުން ވަނީ އަހަރުގެ މިހާތަނަށް ލޯން ރިޕޭމެންޓުގެ ގޮތުގައި 2.13 ބިލިޔަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ޕަބްލިކް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމްސަށް 3.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.