English Edition
Dhivehi Edition

ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރަލާފައިވާ ޏ. ފުވައްމުލަކު، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ފުވައްމުލައް ސިޓީ ކައުންސިލުން ބަޔާނެއް ނެރެެފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ 06 އޮގަސްޓް 2022 ވީ ހޮނިހިރު ދުވަހުގެ ރޭ މާލޭ ގެއެއްގައި، ޝިއާއު ރަހުމު ކުޑަގޮތަކަށް މަރާލާފައިވާތީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މި ލާއިންސާނީ އަމަލާއި މެދު ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

ކޮންމެ ފަރުދަކަށްވެސް ލިބިގެންވާ ދިރިހުރުމުގެ ހައްގާއި އަދި ކޮންމެ ނަފްސަކަށްވެސް އޮންނަންޖެހޭ ރައްކާތެރިކަން ކަށަވަރުވެފައި އޮތުމަކީ މުހިއްމުކަމެއް ކަމުގައި ވީ ހިދު މި ރަހުމު ކުޑަ އަމަލުގެ ފުރިހަމަ ތަހުގީގެއް ހިންގައި، މި ޖަރީމާ ހިންގި ފަރާތަަށް ދޭންޖެހޭ ހައްގު އަދަބު ދިނުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ.

” މި ދަނޑިވަޅުގައި ޝިއާއު މުޙައްމަދު ސަޢީދުގެ އާއިލާއާއި ރަހްމަތްތެރިންނަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި ފުރިހަމައަށް މި ކައުންސިލުން ބައިވެރިވެ ތައުޒިޔާ ދަންނަވަން” ފުވައްމުލައް ސިޓީ ކައުންސިލުގެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ކައުންސިލުން ވަނީ ޝިއާއު އާއި އޭނާގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކޮށް ދިނުމަށް ކަމާއި ބެހޭ އިދާރާތަކަށް ގޮވާލާފައެވެ.