ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް ޖަހާފައި އޮތް މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސަލަތަކާ ގުޅިގެން ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު މިއަދު ހެކިބަސް ނަގާފައިވަނީ ޑިޕޮސިޓް ސްލިޕްތަކާއި ސިޓީތަކުގެ ސޮއިގެ، ސައްޙަކަން ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިވެރިއެއްގެ ހެކިބަހެވެ. މިއަދުގެ އަޑުއެހުމުގައި ހާޒިރުކުރީ އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓް ހެދި ފުލުހެކެވެ.
ހެކިބަސް ނެގުމުގެ ތެރޭގައި ރައީސް ޔާމީންގެ ދިފާއީ ވަކީލުން ވަނީ ދައުލަތުން ހުށަހެޅި ކިތާބީ ހެކީގެ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް ޖަހާފައި އޮތް މައްސަލަ ފެންމަތިކޮށްފައެވެ. ޗެއިން އޮފް ކަސްޓަޑީގައި އެ ހެކި ހޯދި ކަމަށް ފުލުހުން ލިޔެފައި އޮތީ 23 އޯގަސްޓް 2026އެވެ. ތާރީޚްގައި މައްސަލައެއް އޮތުމުން އެ ރިޕޯޓުގެ ސައްހަ ކަމާ މެދު ދިފާއީ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ. އެހެންނަމަވެސް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާ ވަނީ, ތާރީޚް ނުބައި ކޮށް ޖެހިފަ އޮތް ނަމަވެސް އޭނާ ތައްޔާރުކުރި އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ކަމަށް ބުނެފައެވެ.
އެ މައްސަލަ ފެންމަތިވުމުން އެ ޗެއިންއާ ގުޅޭގޮތުން ދައުލަތުން އިތުރަށް ސުވާލު ކުރަން މަސައްކަތްކުރި ނަމަވެސް ސުވާލުތައް ކުރުމުގެ ފުރުސަތު އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ދެއްވާފައެއް ނުވެއެވެ. ގާޒީ ޝަކީލް ވިދާޅުވީ ދައުލަތަށް މި މަރުހަލާގައި އާ ސުވާލުތަކެއް ހެކިވެރިއާ ނުކުރެވޭނެކަމަށެވެ.