English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ އެއްވެސް މެމްބަރަކު އަދި ހުށަހަޅުއްވާފައި ނުވާ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަސްލަމް މި ގޮތަށް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކި ކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައިވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް ނަޝީދު ވަކި ކުރުމުގެ ވާހަކަތަކެއް ފެންމަތި ވެފައި މިވަނީ، އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރުމުން، ނާޒިމް ދިފާއުކުރައްވަން ވާހަކަ ދެއްކުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެންނެވެ.

މި މައްސަލާއާއި ގުޅިގެން އެމަނިކުފާނު މަގާމުން ވަކިކޮށްދޭން އެދެމުން އަންނަ ކަމަށް އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް އަސްލަމް ވިދާޅުވީ، ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކި ކުރުމާބެހޭގޮތުން މެމްބަރުން ވާހަކަ ދެއްކެވި ނަމަވެސް އެފަދަ މައްސަލައެއް އަދި މިހާތަނަށް އެއްވެސް މެމްބަރަކު ހުށަހަޅާފައި ނުވާ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ކޮއްކޯފުޅު ހައްޔަރު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އިޖުރާއަތްތަކާ ހިލާފަށް ނާޒިމް ހައްޔަރުކުރީ ނުފޫޒު ފޯރުވައިގެން، ސަރުކާރުގެ ތެރޭގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ވެރިކަން ވައްޓަވާލައްވާނެ ކަމަށް އިންޒާރު ދެއްވުމާއެކު، އެ މަނިކުފާނު އަންހެނަކާއެކު ބަދުއަހުލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ނަޝީދަށް ފާޑުވިދާޅުވަމުންނެވެ. އަދި ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ފަށާފައި ވަނިކޮށް، “ޗޭންޖް އޯގް” ވެބްސައިޓުގައި ފަށާފައިވާ އޮންލައިން ޕެޓިޝަންގައި ބުނެފައި ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިސްލާމީ އުސޫލުތަކަށް ނަޝީދު ފުރައްސާރަ ކުރަައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ބޭއަދަބީ ކަންކަން ވެސް ދިފާއު ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ވަކި ކުރަން ޖެހޭ ކަމަށް އެ ޕެޓިޝަންގައި ބުނެފައި ވެ އެވެ.